އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ ޤައުމީ ލޯބި އަށަގަނެފައިވާ، އެކުވެރި އަދި އުފާވެރި މުޖުތަމައެއް ބިނާކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ހެރިޓޭޖް މިނިސްޓްރީ އާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެން.ސީ.އޭ) ގުޅިގެން ބޭއްވި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދަރިވަރުންގެ މެދުގައި ޤައުމީ ރޫޙު އާލާކުރުމަށާއި، ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ބަތަލުންގެ ޒިކުރާ އާކުރުމަށް މިފަދަ މުބާރާތްތަކަކީ ނުހަނު މުހިންމު ވަސީލަތްތަކެކެވެ. މުބާރާތުގައި ބައިވެރިވި ކުދިންގެ ކުރެހުންތަކާއި ފޮޓޯތަކުން ފެނިގެންދަނީ، ޒުވާން ޖީލުގެ ހިތްތަކުގައި ޤައުމަށް އޮތް މަތިވެރި ލޯތްބާއި، ޤައުމީ ކަންކަމުގައި އެ ކުދިންގެ ހުރި ފުން ޝުޢޫރުތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމިއްޔަތު އާލާކުރުމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައިވެސް މި އަމާޒަށް ވާސިލުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ޚާއްޞަކޮށް ޤައުމީ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމާއި، މުޖުތަމައުގެ ބަދަހިކަން އިތުރުކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިނިސްޓަރު ވަނީ ކާބަފައިން މި ޤައުމުގެ މިނިވަންކަމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ނަމޫނާގައި ހިފެހެއްޓުމަށް ހުރިހާ ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ކަރާމާތް ދަމަހައްޓައި، އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް މި ޤައުމު ފޯރުކޮށްދިނުމަކީ ކޮންމެ ދަރިވަރެއްގެވެސް ޒިންމާއެއް ކަމަށާއި، އެކަމަށްޓަކައި އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޤައުމީ ބަތަލުންނަށް ކުޑައިމީސްކޮށް ބަސްބުނާ ބައެއް ފަރާތްތަކުގެ އަމަލުތަކަށް ފާޑުވިދާޅުވަމުންނެވެ. އެފަދަ ނުރަނގަޅު އާދަތަކުން ދުރުހެލިވެ، ޤައުމަށްޓަކައި ޖިހާދުވި އަބްޠާލުންގެ ޒިކުރާ އާލާކުރުމަށް ސްކޫލްތަކާއި ބެލެނިވެރިން އިސްނަގައިގެން ދަރިވަރުންނަށް ތާރީޚީ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް މިނިސްޓަރު ޝަފީޢު އެދިވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު