ރާއްޖެއަށއ ޒިޔާރަތްކުރާ ފަތުރުވެރިން ވެލާނާ އެއާޕޯޓުގައި
ރާއްޖެއަށއ ޒިޔާރަތްކުރާ ފަތުރުވެރިން ވެލާނާ އެއާޕޯޓުގައި
މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު، ނިމިދިޔަ ޖުލައި މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާކަން ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހު ރާއްޖެއަށް އައިސްފައިވަނީ 125,891 ފަތުރުވެރިންނެވެ. ނަމަވެސް ޖުލައި މަސް ނިމުނުއިރު މި އަދަދު ވަނީ 184,735 އަށް އުފުލިފައެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 46 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު ކުރިއެރުމެއް ލިބުނު ނަމަވެސް، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ 1.9 އިންސައްތައިގެ ކުޑަ ދަށްވުމެކެވެ. މިގޮތަށް އަދަދުތައް ކުޑަކޮށް ދަށްވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރަސްތައް ކަމަށް މާހިރުން ލަފާކުރެއެވެ. އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ހާލަތަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ފެބުރުއަރީ މަހުގައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖަނަވަރީ މަހު 227,403 ފަތުރުވެރިން އައިސްފައިވާއިރު، ފެބުރުވަރީ މަހު 254,555 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މާރިޗު މަހު 161,254 ފަތުރުވެރިން، އޭޕްރީލް މަހު 152,863 ފަތުރުވެރިން، މޭ މަހު 142,555 ފަތުރުވެރިން، ޖޫން މަހު 123,552 ފަތުރުވެރިން އަދި ޖުލައި މަހު 184,735 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އެގޮތުން 902,228 ފަތުރުވެރިން ރިސޯޓްތަކުގައި މަޑުކޮށްފައިވާއިރު، ގެސްޓްހައުސްތަކުގައި 277,894 ފަތުރުވެރިން، ހޮޓާތަކުގައި 29,401 ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 23,503 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.

މިހާރުގެ ހިސާބުތަކަށް ބަލާއިރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,924 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު