ކަސްޓަމްސް-
ކަސްޓަމްސް-
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ގާނޫނީ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދިދާނެ ފަދަ އަމަލުތަކުން ދުރުހެލިވުމަށް އެ މުއައްސަސާއިން އިލްތިމާސްކޮށްފިއެވެ.

ކަސްޓަމްސްއިން މިފަދަ އިލްތިމާސެއް ކުރީ، އެ މުއައްސަސާގެ މަސައްކަތްތަކާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވާގޮތުން، ރާއްޖެއަށް އެތެރެކުރާ މުދަލާއި، ފަސިންޖަރުންނާއި، އަދި އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ކަސްޓަމްސް ގާނޫނުގެ ދަށުން އެ ސާވިސްއަށް މަތިކޮށްފައިވާ މުހިންމު ގާނޫނީ ޒިންމާއެކެވެ. މި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ބަނދަރުތަކުގައި ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ހާމަކުރެއެވެ.

މީގެއިތުރުން، އިންޓެލިޖެންސް މައުލޫމާތާއި ދިރާސާތަކަށް ބިނާކޮށް، މުދަލެއް ނުވަތަ ފަސިންޖަރަކު ބަލައި ފާސްކުރަންޖެހޭ ހާލަތްތަކުގައި އެކަން ކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިންކަން ކަސްޓަމްސްއިން ފާހަގަކުރެއެވެ. މިފަދަ ފިޔަވަޅުތަކުގެ އަސާސީ މަގުސަދަކީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ހުއްޓުވައި، ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.

ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ގާނޫނީ އިމުގެ ތެރެއިން ފުރިހަމައަށް އަދާކުރަމުންދާނެ ކަމުގެ ޔަގީންކަން ދެމުން، ކަސްޓަމްސްގެ މަސައްކަތްތަކާ މެދު އާންމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް އެ މުއައްސަސާއިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު