އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ތާބޫ، އޭނާގެ ހުއްދައަކާ ނުލައި އޭނާގެ ނަމާއި، ތަސްވީރާއި، އަދި އަމިއްލަ ވަންތަކަން ރަމްޒުކޮށްދޭ ސިފަތައް ބޭނުންކުރަމުންދާތީ، އެކަން ހުއްޓުވައި އޭނާގެ ޝަޚްސީ ޙައްޤުތައް (ޕާސަނަލިޓީ ރައިޓްސް) ހިމާޔަތްކުރުމަށް އެދި ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގޮސްފައިވަނީ ޖަސްޓިސް ޖޯތީ ސިންގްގެ ސިންގަލް ބެންޗެއްގައެވެ. މި މައްސަލައިގައި ތާބޫ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އޭނާގެ ސިފަޔާއި އަޑު ނަކަލުކޮށްގެން ޑިޖިޓަލް މާހައުލުގައި ނަހަމަގޮތުގައި ބޭނުންކުރަމުންދާ ދިއުމަށެވެ. މީގެ އިތުރުން ވިޔަފާރީގެ ބޭނުމަށް އޭނާގެ ޝަޚްސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވައިދިނުމަށްވެސް ވަނީ އެދިފައެވެ.

އަޑުއެހުމުގެ ތެރޭގައި ޖަސްޓިސް ސިންގް ވަނީ ތާބޫގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ބައެއް އުނިކަންކަން ހުރިކަން ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް، ދަޢުވާލިބޭ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، ތާބޫގެ ވަކީލު ސުވާތީ ސުކުމާރަށް ވަނީ އެ މަޢުލޫމާތުތައް އިޞްލާޙުކޮށް އަލުން ހުށަހެޅުމަށް އަންގަވާފައެވެ. މައްސަލައިގެ އިންސާފުވެރި ނިންމުމަކަށް ވާސިލްވުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ ތަފްޞީލު ސައްޙަވާންޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއް މިމަހު 6 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

ފަހަކަށް އައިސް އިންޑިއާގެ މަޝްހޫރު ފަރާތްތަކުގެ ޝަޚްސީ ޙައްޤުތައް ހިމާޔަތްކުރުމަށް އެދި ދިއްލީ ހައިކޯޓަށް ހުށަހަޅާ މައްސަލަތައް ވަނީ އިތުރުވެފައެވެ. މީގެ ކުރިން ކްރިކެޓް ތަރިން ކަމަށްވާ ގޯތަމް ގަމްބީރާއި ސުނިލް ގަވާސްކަރް، ރޫޙާނީ ލީޑަރު ސްރީ ސްރީ ރަވީ ޝަންކަރް، އަދި ފިލްމީ ތަރިން ކަމަށްވާ އަރުޖުން ކަޕޫރު، އައްލޫ އަރުޖުން، ކާޖޮލް، އައިޝްވާރިޔާ ރާއީ، އަދި ކަރަން ޖޯހަރް ފަދަ ފަރާތްތަކުން ވަނީ އެމީހުންގެ ސިފަޔާއި އަޑު އޭއައި މެދުވެރިކޮށް ބޭނުންކުރުން ހުއްޓުވުމަށް ކޯޓުގެ އެހީތެރިކަން ހޯދާފައެވެ.

މިފަދަ މައްސަލަތައް އިތުރުވަމުންދަނީ އޭއައި ބޭނުންކޮށްގެން އުފައްދާ "ޑީޕްފޭކް" ތަކާއި، ފޭކް އެންޑޯސްމަންޓްތަކުގެ ސަބަބުން މަޝްހޫރު މީހުންގެ އަބުރާއި ވިޔަފާރީގެ އަގަށް ގެއްލުންވަމުންދާތީއެވެ.



ކިޔުންތެރިންގެ ހިޔާލު