ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ-
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ-
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެ އިދާރާގެ އަގުވައްޓާލުމަށް ބަޔަކު ރާވައިގެން ހިންގާ "މެދުނުކެނޑި ކުރިއަށްދާ މަސައްކަތްތަކަށް" ފީފާއިން ވަރުގަދަ ރައްދުތަކެއް ދީފިއެވެ.

ފީފާއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، އިންފަންޓީނޯ ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ އިދާރާގެ މުވައްޒަފަކާ ސިއްރު ގުޅުމެއް ބޭއްވި ކަމަށް ބުނެ، "ޑެއިލީ ޓެލެގްރާފް" އިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެ ގުޅުން ނިމުމަކަށް އައުމުން ޔޫއެފާއިން ވަނީ އެ އަންހެން މުވައްޒަފަށް ވަޒީފާއިން ވަކިވުމުގެ ބަދަލެއްގެ ގޮތުގައި ބޮޑު ފައިސާގެ އަދަދެއް ދީފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ފީފާގެ ތަރުޖަމާނަކު ވިދާޅުވީ، އިންފަންޓީނޯ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާ ކަމަށާއި، އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ. ފީފާގެ ބަޔާނުގައި ބުނެފައިވަނީ، ހަގީގަތެއް ނެތް މައުލޫމާތާއި ދޮގު އިލްޒާމްތައް ފެތުރުން ހުއްޓާލަންޖެހޭ ކަމަށާއި، ހަމައެކަނި ހީތަކެއްގެ މައްޗަށް ބިނާކޮށް ކުރާ ތުހުމަތުތަކަކީ ހަގީގަތެއްގެ ގޮތުގައި ހުށަހަޅައިގެން ނުވާނެ ކަމަށެވެ.

އިންފަންޓީނޯއަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާތަކުގެ ފިއްތުންތައް ކުރިމަތިވެފައިވަނީ، އޭނާ ހުށަހެޅުއްވި "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފް.އެފް.އީ) ޕްރޮޕޯސަލާ ގުޅިގެންނެވެ. މި ޕްރޮޕޯސަލަކީ ފީފާގެ ވިޔަފާރި އަދި ޓިކެޓް ވިއްކުމުގެ ހައްގުތައް ބެލެހެއްޓުމަށް އާ ކުންފުންޏެއް އުފައްދައި، އޭގެ 21 އިންސައްތަ އަމިއްލަ އިންވެސްޓްމަންޓް ކުންފުންޏަކަށް ވިއްކާލުމަށް ހުށަހެޅި ހުށަހެޅުމެކެވެ.

މި މައްސަލާގައި ޔޫއެފާއިން ބުނެފައިވަނީ އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް ލީސާ ކްލެވެނަސް ވަނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. ޔޫއެފާއިން ބުނާ ގޮތުގައި، އެފް.އެފް.އީ ޕްލޭން އަލުން އަނބުރާ ނުގެންނާނެ ކަމުގެ ޔަގީންކަން މިހާތަނަށް ލިބިފައި ނުވާތީ، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

ނަމަވެސް ފީފާގެ ބަޔާނުގައި ބުނެފައިވަނީ، އިންފަންޓީނޯއަކީ ފީފާގެ މެންބަރު ގައުމުތަކުން ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުކޮށްފައިވާ ރައީސެއް ކަމަށާއި، އޭނާ މަގާމުގައި ދެމިހުންނެވީ އެ ގައުމުތަކުގެ ތާއީދާއެކު ކަމަށެވެ. އަދި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ކާމިޔާބު ނުލިބޭ ބަޔަކު، ދޮގު އިލްޒާމްތަކާއި އޮޅުވާލުންތައް ބޭނުންކޮށްގެން ނަތީޖާ ބަދަލުކުރަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށްވެސް ފީފާއިން ބުންޏެވެ.

އިންފަންޓީނޯއާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލަނީ ޔޫރަޕްގެ ގައުމުތަކުން ކަމަށްވިޔަސް، އެހެން ބައްރުތަކުގެ ތާއީދު އޭނާއަށް ބޮޑެވެ. އެގޮތުން މެކްސިކޯގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ އިންފަންޓީނޯއަށް ތާއީދުކޮށްފައެވެ. އަދި ދެކުނު އެމެރިކާގެ ކޮންމެބޯލް އިން ބުނެފައިވަނީ، ފީފާގެ 211 މެންބަރު ގައުމުގެ ވޯޓަކާ ނުލައި އިންފަންޓީނޯ މަގާމުން ވަކިކުރަން ކުރާ ކޮންމެ މަސައްކަތަކަށް އިއުތިރާޒުކުރާނެ ކަމަށެވެ. މީގެ އިތުރުން އެފްރިކާގެ 54 ގައުމުގެ ފުޓްބޯޅަ އިދާރާ (ކާފް) އިން ވެސް ވަނީ އިންފަންޓީނޯއަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު މޮރޮކޯގެ ރަބާތުގައި ބޭއްވި ފީފާ މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި، އެފް.އެފް.އީ ޕްރޮޕޯސަލާ ގުޅިގެން އިންފަންޓީނޯ އާއި ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޯމް ވަނީ މައާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް، ފީފާގެ އަބުރާއި ހިންގުމުގެ ނިޒާމަށް ދެވޭ ހަމަލާތައް ދެން ކެތްނުކުރާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފީފާއިން އިތުރަށް ބުނީ، ގެންނަން މަސައްކަތްކުރާ ބަދަލުތަކާ ގުޅިގެން ބައެއް ފަރާތްތަކުގެ މަސްލަހަތަށް ހުރަސް އެޅުނު ކަމުގައިވިޔަސް، އެއީ ފީފާގެ ރައީސްގެ ޑިމޮކްރެޓިކް ގާނޫނީ ހައިސިއްޔަތު ގެއްލުވާލަން ދެއްކޭނެ އުޒުރެއް ނޫން ކަމަށެވެ. އަދި ފީފާއަކީ ފާޑުކިޔުންތަކަށް މަރުހަބާ ކިޔާ އިދާރާއެއް ނަމަވެސް، ހަގީގަތް އޮޅުވާލައިގެން ކުރިއެރުމަށް ހުރަސްއަޅަން ކުރާ ކަންކަމާ ދެކޮޅަށް ވަރުގަދައަށް މަސައްކަތް ކުރާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު