އެސްއެމްއީ ޑިޖިޓަލް އިން ކުރިއަށް ގެންދިޔަ ހަރަކާތެއް، ފޮޓޯ: އެސްއެމްއީ ޑިޖިޓަލް
އެސްއެމްއީ ޑިޖިޓަލް އިން ކުރިއަށް ގެންދިޔަ ހަރަކާތެއް، ފޮޓޯ: އެސްއެމްއީ ޑިޖިޓަލް
އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް، އިސްލާމީ މާލީ ނިޒާމުގެ ތެރެއަށް ބަދަލުކުރުމަށް ޚާއްޞަ 'އޯޕަން ޑޭ' އެއް ބޭއްވުމަށް އެ އިދާރާއިން ނިންމައިފިއެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އޮގަސްޓް 2026 ވާ ހޮނިހިރު ދުވަހުއެވެ. މި ހަރަކާތް ކުރިއަށްދާނީ ބީއެމްއެލް އިސްލާމިކްގެ މާލެ ބްރާންޗުގައި، އެ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ.

އެސްއެމްއީ ޑިޖިޓަލްއިން މަޢުލޫމާތު ދޭ ގޮތުގައި، މި އޯޕަން ޑޭ ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ އެ މުއައްސަސާއިން ދޫކޮށްފައިވާ ހުރިހާ ކޮންވެންޝަނަލް ލޯނުތަކެއް ޝަރީޢާ ހަމަތަކަށް ފައްތައި، "ޝަރީޢާ ކޮމްޕްލަޔަންޓް" ފެސިލިޓީތަކަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކުރުމެވެ. މިކަމަށް ޝަރުތުހަމަވާ ކަސްޓަމަރުންނަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ވާނީ ރީފައިނޭންސިންގ އޮފާތައް ފޮނުވާފައެވެ.

މި ހަރަކާތުގެ ތެރެއިން، އެސްއެމްއީ ޑިޖިޓަލްގެ ފަންނީ ޓީމުގެ އެހީތެރިކަމާއެކު ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތަކުގެ ތަފްޞީލު އޮޅުންފިލުވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އޮފާ ޤަބޫލުކުރާ ފަރާތްތަކަށް އެ ވަގުތުން ވަގުތަށް އައު އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ ހުރިހާ މަރުޙަލާއެއް އެއް ތަނަކުން ނިންމާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ހަރަކާތަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑެންޓިފިކޭޝަން ކަށަވަރު ކުރުމަށްޓަކައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދެވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

ލޯނުތައް އިސްލާމީ އުޞޫލަށް ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަގުނަ ލުއިތަކެއް ލިބިގެންދާނެކަން އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި، އިސްލާމީ ފައިނޭންސްގެ ދަށުން އައު ފެސިލިޓީއެއް އެކުލަވާލެވި، ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުމާއި، މަހުން މަހަށް ދައްކަންޖެހޭ ޢަދަދު ކުޑަވުން ހިމެނެއެވެ.

މީގެ އިތުރުން، މާލީ ދަތިތަކާހުރެ ގަވާއިދުން ފައިސާ ނުދެއްކި ތިބި ފަރާތްތަކަށްވެސް މިއީ ރަނގަޅު ފުރުޞަތެކެވެ. އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކާ ފަރާތްތަކުގެ ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލްއަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ އިދާރާއަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ މުއައްސަސާއިން ސިފަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު