ތިނަދޫ މޭޔަރު ސައުދު
ތިނަދޫ މޭޔަރު ސައުދު
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި އެ ރަށުގެ އާބާދީގެ ހިސާބުތައް އޮޅުވާލާފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

މިއަދު ހެނދުނު 10:00 ޖެހިއިރު ތިނަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެވަޑައިގަތުމަށްފަހު، ގާތްގަނޑަކަށް ދޮޅުގަޑިއިރު ތަހުގީގަށް ވަގުތު ދެއްވި ކަމަށް މޭޔަރު ސައުދު މައުލޫމާތު ދެއްވިއެވެ. ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މޭޔަރު ވިދާޅުވީ، ސަރުކާރަކުން ރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭނީ ބަލަންޖެހޭ އެންމެހައި މިންގަނޑުތަކަށް ފުރިހަމައަށް ބެލުމަށްފަހު ކަމަށާއި، އެކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޚާއްސަ ޓީމެއް މީގެކުރިން ތިނަދުއަށް ޒިޔާރަތްކޮށް، ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ ބަޔާންވެސް ވަނީ ނަގާފައެވެ.

މި މައްސަލައަކީ ތިނަދޫ ސިޓީއަކަށް ބަދަލުކުރީ ގާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ 2024 ވަނަ އަހަރު މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުއްވި މައްސަލައެކެވެ. މެންބަރު ސައުދުﷲ ތުހުމަތު ކުރައްވާ ގޮތުގައި، ތިނަދޫގެ އާބާދީގައި 10,150 މީހުން ހަމަވާ ކަމަށް ދައްކާފައިވަނީ ހަގީގަތާ ޚިލާފަށް އޮޅުވާލައިގެންނެވެ.

އޭނާ އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، އާބާދީގެ އަދަދުތަކަށް ބަދަލު ގެނެސްފައިވަނީ ކައުންސިލަރުންނަށް މޭޔަރުގެ މަގާމު ހޯދައިދިނުމަށާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެއް ފުއްދެވުމުގެ މަގު ފަހިކުރުމުގެ ބޭނުމުގައެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ރަސްމީކޮށް ދެއްވީ 30 އޮގަސްޓް 2023 ގައި ކުރީގެ ރައީސް ޞާލިޙެވެ. ނަމަވެސް، ވެރިކަން ބަދަލުވުމަށްފަހު މިހާރުގެ ސަރުކާރުންވެސް ވަނީ ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ނިންމަވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު