ލޯންޗެއް ދިޔަވެ އަޑިއަށް ދަނީ.--
ލޯންޗެއް ދިޔަވެ އަޑިއަށް ދަނީ.--
ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ދަތުރުކުރި ލޯންޗެއް ދިޔަވެ، ކ. ގިރިފުށި ކައިރިއަށް އަޑިއަށްދިޔަ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯތަކުން އެނގޭގޮތުގައި، ލޯންޗު ދިޔަވެ އަޑިއަށްދާން ފެށުމުން، އެ ސަރަހައްދުން ދަތުރުކުރި އެހެން އުޅަނދެއްގެ އެހީތެރިކަމާއެކު އޭގައި ތިބި މީހުން ވަނީ ރައްކާތެރިކަމާއެކު އެ އުޅަނދަށް ބަދަލުކޮށްފައެވެ.

ލޯންޗުގައި ތިބި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭއިރު، އެ އެންމެން އުޅަނދުން ބޭލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލޯންޗު ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.

މި ހާދިސާއާ ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައިވަނިކޮށެވެ. މޫސުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު