ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއަރުވައި ފުޅާކުރުމަށްޓަކައި އެކަށީގެންވާ ރަނގަޅު މާހައުލެއް ސަރުކާރުން ޤާއިމުކޮށްދޭނެކަމުގެ ޔަޤީންކަން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ދެއްވައިފިއެވެ.

ވަޒީރު މިހެން ވިދާޅުވީ "މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު އަމީންގެ ވާހަކަފުޅުގައި، ކުރިއަށް އޮތް "ވިޒިޓް މޯލްޑިވްސް" އަހަރު ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިފަދަ ޚާއްޞަ އަހަރެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހުޅުވާލައި، އޭގެ ސަބަބުން ރައްޔިތުންނަށާއި އެކި ރަށްރަށަށް އިޤްތިޞާދީ އައު ފުރުޞަތުތައް ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ދިވެހިންނަކީ ޒަމާނީ އީޖާދުތަކާއި ސިނާޢަތަށް އަންނަ ބަދަލުތަކަށް އަވަހަށް ހޭނުމުގެ ޤާބިލުކަން ހުރި ބައެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ މެހެމާންދާރީއަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން، މިދިޔަ އަހަރުގެ "ވިޒިޓާ ސާވޭ" ގެ ތަފާސްހިސާބުތައް ވަޒީރު ހިއްސާކުރެއްވިއެވެ.

އެ ސާވޭއިން ދައްކާގޮތުގައި 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %85 އަށްވުރެ މަތީ އިންސައްތައެއް އެނބުރި ރާއްޖެއަށް އަންނަން ބޭނުންވެއެވެ.

މީގެއިތުރުން، %90 އަށްވުރެ ގިނަ މީހުން އެމީހުންގެ ރައްޓެހިންނާއި އާއިލާއަށް ރާއްޖެއަށް އައުމަށް ރެކޮމެންޑްކުރާނެ ކަމަށް ބުނެފައިވާއިރު، %80 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖޭގައި ހޭދަކުރި ޗުއްޓީއާމެދު އިންތިހާއަށް ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ.

ބައިނަލްއަޤްވާމީ މަޝްރަޙަށް އަލިއަޅުވާލައްވަމުން، މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ވައިގެ ދަތުރުފަތުރަށް އައި ބުރޫތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް 4 މަސްދުވަހުގެ ދަށްވުމެއް އައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ސަރުކާރާއި ސިނާޢަތުގެ ބައިވެރިން ގުޅިގެން ކުރި މަސައްކަތުން ޖުލައި މަހުގެ ކުރީކޮޅު ހާލަތު އާންމު ހާލަތަކަށް ބަދަލުކުރެވުނު ކަމަށް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން އޮސްޓްރޭލިއާއަށް ޤައުމީ އެއަރލައިންގެ ދަތުރުތައް ފަށާފައިވާއިރު، އިތިއޯޕިއަން އެއަރލައިންސްގެ ދަތުރުތައް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު އަމީންގެ ވާހަކަފުޅު ނިންމަވާލެއްވީ، ފަތުރުވެރިކަމާ ގުޅުންހުރި ކޮންމެ މަސައްކަތަކީ އެންމެންގެ ބައިވެރިވުން ބޭނުންވާ ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވަމުންނެވެ. ސަރުކާރުގެ އެންމެ މުހިންމު ދައުރަކީ މި މަސައްކަތަށް އެކަށޭނެ ރަނގަޅު މާހައުލެއް ހޯދައިދިނުން ކަމަށާއި، "ވިޒިޓް މޯލްޑިވްސް" އަހަރުގެ ކާމިޔާބީ ގުޅިފައިވަނީ މުޅި ސިނާޢަތުގެ އެއްބާރުލުމާ ކަމަށް ވިދާޅުވެ، ސިނާޢަތުގެ ބައިވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު