ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
އައު ކޮންޓްރެކްޓަރަކާއެކު ގއ. ވިލިނގިލީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ނޮވެންބަރު މަހުގެ ކުރިން ފެށޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރޭގައި ކުރިއަށްދިޔަ "އަހާ" ފޯރަމްގައި މައުލޫމާތު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، މަސައްކަތް ކުރިން މަޑުޖެހިފައި އޮތުމަށްފަހު، މިހާރު ކޮންޓްރެކްޓަރު ބަދަލުކޮށް، އައު ކޮންޓްރެކްޓަރަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.

ވިލިނގިލީގެ ބިން ހިއްކުމާއި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެ ރަށުގައި ފަހުމުނާމާއެއްގައި ސޮއިކުރެވުނު ނަމަވެސް، ތަފާތު އެކި ސަބަބުތަކާ ހުރެ މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މި މަޝްރޫޢުގެ ދަށުން 2.2 ކިލޯމީޓަރުގެ ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލަކާއި، ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއްގައި ހިމެނޭ ހުރިހާ ޒަމާނީ ވަސީލަތެއް ތަރައްޤީކުރާނެއެވެ. މީގެއިތުރުން، ގއ. އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މަތީ ފަންތީގެ ރިސޯޓުތަކާއި، ހޮޓާތަކާއި، ޔޮޓް މެރީނާއެއް ވެސް ތަރައްޤީކުރެވޭނެއެވެ. މިއީ 500 މިލިއަން އާއި 750 މިލިއަން އެމެރިކާ ޑޮލަރުގެ މެދުގައިވާ ބޮޑު އިންވެސްޓްމަންޓެކެވެ.

މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބައިނަލްއަޤްވާމީ އަދި އެތެރޭގެ އުދުހުންތަކަށް ހާއްސަ ވައިގެ ބަނދަރުތަކުގެ ޚިދުމަތްތައް ފުޅާކޮށް، ދަތުރުފަތުރުގެ ވިއުގަ ބައްދާލުމަށް އަޅުއްވަމުން މިދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު