ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ދިވެހިރާއްޖޭގެ ބައެއް ރިސޯޓުތަކުން ބިމު ކުއްޔާއި، އެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބިވާ ފައިސާގެ އަދަދު 97 މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މީރާގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި ވަޒީރު މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކީ ޓެކްސް ނިޒާމަށާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ހިންގާ ތަންތަން ކަމުގައި ވީނަމަވެސް، ހުއްދައެއް ނެތި އަމިއްލައަށް ބަންދުކޮށްފައިވާ ބައެއް ތަންތަނާއި ހިންގަމުންދާ ބައެއް ރިސޯޓުތަކުން ކުލި ނުދައްކާ އެބަހުރެއެވެ.

އެގޮތުން ބައެއް ރިސޯޓުތަކުން 2013 ވަނަ އަހަރުން ފެށިގެންވެސް ދައްކަންޖެހޭ ކުލި ނުދައްކާ ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއީ ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުވެ އޮތް މައްސަލައަކަށްވާތީ، މިއަށް ފުރިހަމަ ހައްލެއް ހޯދުމަށް ވަގުތު ނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެއް ނިޒާމެއްގެ ތެރެއިން ހުރިހާ ފަރާތްތަކާމެދު ހަމަހަމަކޮށް އަމަލުކުރެވޭނެ އުސޫލުތަކެއް އެކުލަވާލުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކަނޑައަޅާ ޓައިމްލައިނާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ.

އަދި ކެބިނެޓުގެ ނިންމުމާ އެއްގޮތަށް އެ ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތުން އެދެވޭ ކުރިއެރުންތަކެއް ލިބެމުންދާކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ކުލި ނުލިބި ދިއުމަކީ ގޯސް މާހައުލެއް އުފެދިގެންދާނެ ކަމެއް ކަމަށާއި، ރިސޯޓުތަކުގެ ކުއްޔަކީ ރައްޔިތުންގެ ހައްގުތަކާ ސީދާ ގުޅިފައިވާ ފައިސާއެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، މިހާރު ރިސޯޓުތަކުން ކުލި ނަގަނީ އެ ރިސޯޓެއް އޮންނަ އަތޮޅަކަށާއި ބިމުގެ ބޮޑުމިނަށް ބަލައި، އަކަމީޓަރަކަށް ވަކި ރޭޓަކުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ކޮންމެ ރިސޯޓެއްވެސް އޮޕަރޭޓް ކުރެވެންޖެހޭނީ ބިމު ކުއްޔާއި އެއާ ގުޅޭ ޖޫރިމަނާގެ ފައިސާ ގޯސްނުކޮށް ދައްކައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު