ރަތް ހަކުރާއި ހުދު ހަކުރު: މި ދެ ބާވަތަކީވެސް ހަށިގަނޑަށް އެއްގޮތަކަށް އަސަރުކުރާ އެއްޗެހި، އެންމެ މުހިންމީ ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރުން
ރަތް ހަކުރާއި ހުދު ހަކުރު: މި ދެ ބާވަތަކީވެސް ހަށިގަނޑަށް އެއްގޮތަކަށް އަސަރުކުރާ އެއްޗެހި، އެންމެ މުހިންމީ ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރުން
ފޮނި ކާތަކެތި ތައްޔާރުކުރުމުގައި އެންމެ އެކަށީގެންވަނީ ކޮން ބާވަތެއްގެ ހަކުރެއްތޯ ބަލައިލަމާ ހިނގާށެވެ.

ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް އިސްކަންދޭ މީހުންގެ މެދުގައި ރަތް ހަކުރަށް އޮންނަ މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ. ހުދު ހަކުރުގެ ބަދަލުގައި ބޭނުންކުރަން އެންމެ ރަނގަޅު، ސިއްހީ ފައިދާ ބޮޑު ބާވަތެއްގެ ގޮތުގައި ގިނަ ބަޔަކު މިހާރު ރަތް ހަކުރު ސިފަކުރެއެވެ. މީގެ ސަބަބުން މި ދެ ބާވަތުގެ ތަފާތާ މެދު ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު މިހާރު ކާތަކެތި ތައްޔާރުކުރުމުގައި ހުދު ހަކުރުގެ ބަދަލުގައި ރަތް ހަކުރު ބޭނުންކުރަން ފަށާފައިވީ ނަމަވެސް، މިއީ ހަގީގަތުގައި ވެސް ހުދު ހަކުރަށްވުރެ ފައިދާހުރި އެއްޗެއް ހެއްޔެވެ؟ ކެލޮރީގެ ގޮތުން އޮތީ ކޮން ތަފާތެއް ހެއްޔެވެ؟ މިކަމުގެ ތަފުސީލު އަދި ފޮނި ކާތަކެތި ތައްޔާރުކުރުމުގައި އެންމެ އެކަށީގެންވަނީ ކޮން ބާވަތެއްގެ ހަކުރެއްތޯ ބަލައިލަމާ ހިނގާށެވެ.

ބަޔޯޓެކްނޮލޮޖީގެ ދާއިރާއިން މާސްޓަރސް ހާސިލުކުރައްވާފައިވާ، ސިއްހަތާއި ކާނާގެ މާހިރު ޕަޔަލް ކަރްނިކް ވިދާޅުވާ ގޮތުގައި، ހުދު ހަކުރަކީ ފޮނި ރަހައެއް ހުންނަ، ފެނަށް ގިރޭ ކާބޯހައިޑްރޭޓެކެވެ. އާންމުކޮށް ހަކުރު އުފައްދަނީ ހަކުރު ދަނޑި ނުވަތަ ބީޓްރޫޓްގެ ބާވަތެއް ބޭނުންކޮށްގެންނެވެ. މީގެ ދިޔަ ނަގައި، އޮލަވެ ކަޅުކުލައިގެ ސިރަޕަކަށް ބަދަލުވަންދެން ހޫނުކުރެއެވެ. އެއަށްފަހު، ހަކުރުގެ ކްރިސްޓަލްތައް މި ސިރަޕާ ވަކިކުރެއެވެ. ދެން މި ކްރިސްޓަލްތަކުން ބާކީ ހުރި ބައިތައް ނައްތާލައި، ސާފުކޮށް، ކުދިކުދި ހުދު ހަކުރު ކްރިސްޓަލްތަކަކަށް ބަދަލުކުރެވެއެވެ.

ޕަޔަލް އިތުރަށް ފާހަގަކުރައްވާ ގޮތުގައި، ހުދު ހަކުރު އުފައްދަނީ ރޯ ހަކުރު ސާފުކޮށް، އޭގެ ކުލައާއި ނުސާފުކަން ފިލުވައިގެންނެވެ. އަދި މަޑު ރަތް ހަކުރު އުފައްދަނީ ހުދު ހަކުރުގެ ތެރެއަށް ކަޅު ސިރަޕް އެއްކޮށްގެންނެވެ. ރަތް ހަކުރުގައި ހުދު ހަކުރަށްވުރެ ކުޑަކޮށް ކެލްސިއަމް އަދި މެގްނީޒިއަމް ގިނަ ނަމަވެސް، މިއީ މިނަރަލްސް އަދި ވިޓަމިންސް ލިބުމަށް އެންމެ އެކަށީގެންވާ މަސްދަރެއް ނޫންކަމަށް އޭނާ ވިދާޅުވެއެވެ.

ރަތް ހަކުރާ ގުޅޭގޮތުން އޭނާ ވިދާޅުވީ، މިއީ އޭގެ ރަހައާއި ކުލަ ވަރުގަދަކުރުމަށްޓަކައި ހުދު ހަކުރަށް ކަޅު ސިރަޕް އެއްކޮށްފައިވާ ހަކުރެއް ކަމަށެވެ. ސިރަޕް ގިނަވިވަރަކަށް ހަކުރުގެ ކުލަ ގަދަވާނެއެވެ. ރަތް ހަކުރުގެ މައިގަނޑު ދެ ބާވަތެއް ހުރެއެވެ. އެއީ އުފެއްދުމުގެ ތެރޭގައި ސިރަޕްގެ ބައިތައް ނުވަކިކޮށް ހުންނަ ހަކުރާއި، ސާފުކޮށްފައިވާ ހުދު ހަކުރަށް ފަހުން ސިރަޕް އެއްކޮށްގެން އުފައްދާ ހަކުރެވެ.

ދެ ބާވަތުގެ މެދުގައި ހުރި ތަފާތުތައް:

ކާނާގެ ބާވަތްތައް: ޕަޔަލް ކަރްނިކް ބަޔާންކުރައްވާ ގޮތުގައި މި ދެ ބާވަތުގެ ހަކުރުގެ ނިއުޓްރިޝަނަލް ޕްރޮފައިލް ދާދި އެއްގޮތެވެ. 100 ގްރާމް ރަތް ހަކުރުގައި ގާތްގަނޑަކަށް 380 ކެލޮރީ ހުންނައިރު، ހުދު ހަކުރުގައި ހުންނަނީ 385 ކެލޮރީއެވެ. ރަތް ހަކުރުގައި މަދު މިންވަރަކަށް ކެލްސިއަމް، މެގްނީޒިއަމް އަދި ޕޮޓޭސިއަމް ހުރި ނަމަވެސް، ހަށިގަނޑުން މި ދެ ބާވަތުގެ ހަކުރުވެސް ހަޖަމުކުރަނީ އެއްގޮތަކަށެވެ. އެހެންކަމުން ސިއްހީ ގޮތުން ބަލާއިރު އެކެއްގެ މައްޗަށް އަނެކަކަށް ބޮޑު ކުރިއެރުމެއް ނެތެވެ.

ބާވަތްތަކާއި ބޭނުންކުރާ ގޮތް: ހުދު ހަކުރުގެ ބާވަތްތަކުގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ހަކުރާއި، މާ ބޮޑަށް ހިމުންކޮށްފައި ހުންނަ ހަކުރުގެ އިތުރުން އައިސިން ހަކުރު ހިމެނެއެވެ. ރަތް ހަކުރުގެ ބާވަތްތަކުގެ ތެރޭގައި މަޑު ރަތް ހަކުރާއި، ގަދަ ރަތް ހަކުރުގެ އިތުރުން ތަފާތު މިންވަރަށް ސާފުކޮށްފައިވާ ބާވަތްތައް ހިމެނެއެވެ.

ކެއްކުމާއި ފިހުމުގައި ބަދަލުކުރެވިދާނެތަ؟

ހުދު ހަކުރުގެ ރަހަ މާ ފޮންޏެވެ. ރަތް ހަކުރުގައި ކެރަމަލް ރަހައެއް ހުންނައިރު، އޭގައި ތެތްކަން ގިނަވާނެއެވެ. އެހެންކަމުން ރަތް ހަކުރު ބޭނުންކޮށްގެން ފިހޭ ކާތަކެތި ހުންނާނީ މާ މަޑުކޮށް އަދި އޮލަކޮށެވެ. ބޭނުންނަމަ އެކަތީގެ ބަދަލުގައި އަނެކަތި ބޭނުންކުރެވިދާނެއެވެ. ނަމަވެސް ކުލައާއި ރަހައަށް ކުޑަ ބަދަލެއް އައުން އެކަށީގެންވެއެވެ.

ކޮފީ ބޯއިރު: ކިރު އަޅައިގެން ބޯ ކޮފީތަކަށް ރަތް ހަކުރު މާ މީރެވެ. ނަމަވެސް ކަޅު ކޮފީ ފަދަ ބުއިންތަކަށް ހުދު ހަކުރު މާ ގުޅެއެވެ.

ސިއްހީ ގޮތުން އެންމެ ރަނގަޅީ ކޮން ބާވަތެއް؟

މާހިރުން ވިދާޅުވާ ގޮތުގައި، މި ދެ ބާވަތުގެ ތެރެއިން ސިއްހީ ގޮތުން މާ ބޮޑު ފައިދާއެއް ހުރި ވަކި ބާވަތެއް ނެތެވެ. ރަތް ހަކުރުގައި މިނަރަލްސް ހުރި ނަމަވެސް އެއީ ވަރަށް މަދު މިންވަރެކެވެ. އެންމެ މުހިންމު ކަމަކީ ކޮންމެ ބާވަތެއްގެ ހަކުރެއް ބޭނުންކުރި ކަމުގައިވިޔަސް، އޭގެ މިންވަރު މަދުކުރުމެވެ.

ހަކުރު ގިނަވުމުން ދިމާވެދާނެ ސިއްހީ މައްސަލަތައް:

ދަތް ފަނިކެއުން.

ބަރުދަން އިތުރުވުން.

ހަކުރު ބަލި ހުންނަ މީހުންނަށް ނުރައްކާވުން.

ފެޓީ ލިވަރ މައްސަލަ ދިމާވުން.

އާންމުކޮށް ކުރެވޭ ސުވާލުތައް:

ރަތް ހަކުރަކީ ހިތުގެ ބަލިތަކަށް ރަނގަޅު އެއްޗެއްތަ؟ ނޫނެވެ. ހަކުރު ގިނައިން ބޭނުންކުރުމަކީ ހިތުގެ ބަލިތަކަށް އޮތް ނުރައްކަލެކެވެ.

ރަތް ހަކުރާއި ހަކުރު ގަނޑަކީ އެއްޗެއްތަ؟ ނޫނެވެ. ހަކުރު ގަނޑަކީ އެއްވެސް ވަރަކަށް ސާފުނުކޮށް އުފައްދާ އެއްޗެކެވެ.

ރަތް ހަކުރަކީ ކީޓޯ ޑައިޓާ ގުޅޭ އެއްޗެއްތަ؟ ނޫނެވެ. މިފަދަ ޑައިޓްތަކުގައި އެއްވެސް ބާވަތެއްގެ ހަކުރު ބޭނުންކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.

ޕަޔަލް ކަރްނިކްގެ އިރުޝާދަކީ ރަތް ހަކުރާއި ހުދު ހަކުރާ ދެމެދު އޮތް ބަހުސްގައި ވަކި ކޮޅެއް މޮޅެއް ނުވާ ކަމެވެ. ދެ ބާވަތަކީވެސް ހަށިގަނޑަށް އެއްގޮތަކަށް އަސަރުކުރާ އެއްޗެހި ކަމުން، އެންމެ މުހިންމީ ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރުމެވެ. ތަފާތު ރަހަތައް ތަޖުރިބާކޮށްލުމަށް ދެ ބާވަތްވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ސިއްހަތަށްޓަކައި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމަށް ސަމާލުކަން ދޭށެވެ.



ކިޔުންތެރިންގެ ހިޔާލު