އާވާރާޕަން 2 ގެ ޕޯސްޓަރެއް
އާވާރާޕަން 2 ގެ ޕޯސްޓަރެއް
އިމްރާން ހާޝްމީ ލީޑް ރޯލުން ފެނިގެންދާ ފިލްމު "އަވާރަޕަން 2" ބޮކްސް އޮފީހުގައި ވަރުގަދަ ފެށުމަކާއެކު ރިލީޒްކޮށްފިއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ މި ފިލްމު އިއްޔެ ނެފެފައިވާއިރު، ހެނދުނުގެ ޝޯތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

އިއްޔެ މެންދުރު 12 ޖެހުމާ ހަމައަށް މި ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުން ގާތްގަނޑަކަށް 3.5 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ހެނދުނުގެ ޝޯތަކުގައި ސިނަމާތަކުގެ 21.7 އިންސައްތަ ގޮނޑި ފުރިފައިވާއިރު، މިއީ ފިލްމަށް ލިބުނު ވަރުގަދަ ފެށުމެއްގެ ގޮތުގައި ފިލްމީ ދާއިރާގެ މާހިރުން ސިފަކުރެއެވެ. މިއާއެކު، މިއަދުގެ ހަވީރާއި ރޭގަނޑުގެ ޝޯތަކުގައި މި އަދަދުތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި އެކްޝަން ފިލްމުގެ ޓިކެޓް ސޭލްސްއަށް ބަލާއިރު، މިހާތަނަށް 618 ސިޓީއެއްގެ 1,654 ސިނަމާއަކުން 1,40,897 އަށްވުރެ ގިނަ ޓިކެޓް ވަނީ ވިކިފައެވެ. އެޑްވާންސް ބުކިންގްއާއި ހެނދުނުގެ ޝޯތަކުގެ ތަރުހީބަށް ބަލާއިރު، ފުރަތަމަ ދުވަހު މި ފިލްމަށް 10 ކްރޯޑަށްވުރެ މަތީގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ސަރަޙައްދީ ގޮތުން ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެން.ސީ.އާރް ސަރަޙައްދުންނެވެ. އެ ސަރަޙައްދުގެ 121 ސިނަމާއަކުން 60.13 ލައްކަ ރުޕީސް ވަނީ ލިބިފައެވެ. މަހާރާޝްތުރާއިން 51.31 ލައްކަ ރުޕީސް ލިބިފައިވާއިރު، އުއްތަރު ޕްރަދޭޝްއިން ވަނީ 40.98 ލައްކަ ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ. ސިޓީތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ 30.70 ލައްކަ ރުޕީސްއާއެކު ދިއްލީއެވެ. މުމްބާއީއިން 18.19 ލައްކަ ރުޕީސް ލިބިފައިވާއިރު، ޕޫނޭއިން ވަނީ 11.02 ލައްކަ ރުޕީސް ލިބިފައެވެ.

އިންޑިއާގެ ބޮޑެތި ސިނަމާ ޗެއިންތަކުގެ ތެރެއިން ޕީ.ވީ.އާރު އިން 77.01 ލައްކަ ރުޕީސް، އައިނޮކްސް އިން 56.19 ލައްކަ ރުޕީސް އަދި ސިނެޕޮލިސް އިން 24.15 ލައްކަ ރުޕީސްގެ އާމްދަނީއެއް ވަނީ ހޯދާފައެވެ.

"އަވާރަޕަން 2" އަށް މިފަދަ ބޮޑު ތަރުހީބެއް ލިބެމުންދަނީ މީގެ ފުރަތަމަ ބަޔަށް ލިބުނު މަގުބޫލުކަމާއި، ގިނަ ދުވަސްތަކަކަށްފަހު އިމްރާން ހާޝްމީ އެކްޝަން ރޯލަކުން ފެނިގެންދާތީ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މިއަދުގެ ކުރިއަށް ހުރި ޝޯތަކުގެ ނަތީޖާއަށް ބަލައި، މި ފިލްމު 12 ކްރޯޑްގެ އާމްދަނީއެއް ހޯދައި، ރެކޯޑް ފެށުމެއް ކާމިޔާބު ކުރާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު