ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޒިޔާދު
ރާއްޖޭގައި ނޫޅޭ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ މަޤްޞަދާމެދު ސުވާލު އުފައްދަވައި، ޒިންމާދާރު ކުރެވޭނެ އަދި ފުރިހަމައަށް ތަންފީޒު ނުކުރެވޭނެ ޤާނޫނުތަކަކުން ކޮރަޕްޝަން ނުހުއްޓުވޭނެ ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

މެންބަރު ޒިޔާދު މިހެން ވިދާޅުވީ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހެޅުއްވި އިޞްލާޙުގެ ބިލަށް ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައެވެ. މި ބިލުގައި ހުށަހަޅާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުކޮށް، އެއީ އެ ފަރާތްތަކުގެ އެންމެ ފަހުގެ ޓެކްސް ޒިންމާ ކަމުގައި ކަނޑައެޅުމަށެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ޓެކްސް ނެގުމުގެ އުސޫލަށް ތާއީދުކުރެއްވި ނަމަވެސް، ޓެކްސްގެ ނިޒާމަށް ގެންނަ މިފަދަ ބޮޑެތި ބަދަލުތައް ގެންނަންވާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ. އެކަށީގެންވާ މަޝްވަރާ ނެތި މިފަދަ ނިންމުންތައް ނިންމުމަކީ ދިވެހި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާއެކު، މި ޓެކްސްތަކުގެ ސަބަބުން ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިތަކަށް އިތުރު މާލީ ބުރައެއް އުފުލަންޖެހިދާނެ ކަމުގެ ކަންބޮޑުވުންވެސް ޒިޔާދު ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބޭރުގެ ކުންފުނިތަކުން މިހާރުވެސް ރާއްޖޭގައި ކުންފުނި ރަޖިސްޓްރީ ކޮށްގެން 5 އިންސައްތައިގެ ވިތުހޯލްޑިންގ ޓެކްސް ދެއްކުމުން ރެކެމުންދާ ކަމަށެވެ.

ދިވެހި ކޮންޓްރެކްޓަރުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ބުނާއިރު، ނ. އަތޮޅުގައި ހިންގާ ތަރައްޤީގެ މަޝްރޫއެއްގައި ބޭރުގެ އިންވެސްޓަރުންނަށް ލުއިތަކެއް ދީފައިވަނީ ކީއްވެގެންތޯ ޒިޔާދު މިއަދު ސުވާލު އުފެއްދެވިއެވެ. އެހެންކަމުން ސަރުކާރުގެ ޢަމަލާއި ބަހާ ދިމާނުވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ދަޢުލަތުގެ މާލިއްޔަތާއި ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަކީ ހަމައެކަނި ޤާނޫނަކަށް އިޞްލާޙު ގެނެސްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކިތަންމެ ޤާނޫނެއް ހެދިޔަސް ޤައުމުގެ މުދަލުގައި ވައްކަން ކުރުމެއް ނުހުއްޓުވޭނެ. މިއީ މަތިން ތިރިއަށް ހިނގާ ކަމެއް." ޒިޔާދު މަޖިލީހުގައި ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ވެރިން ބަދަލުކުރުމުގެ ފަހަތުގައި ސިޔާސީ އަދި މާލީ މަޞްލަޙަތުތަކެއް ވާކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ބިލު މަޖިލީހަށް ހުށަހަޅައި ބަހުސް ކުރިއަށް ގެންދާ އަވަސް މިނަށް ފާޑުވިދާޅުވަމުން ޒިޔާދު ވިދާޅުވީ، ދަންވަރު 3:00 ގައި މިފަދަ މުހިންމު ބިލެއް މަޖިލީހަށް ވައްދައިގެން އަވަސްއަރުވާލައިގެން ފާސްކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ބިލުގައި ހުރި ލޫޕްހޯލްތައް ދެނެގަނެ، ފުރިހަމަ ދިރާސާއެއް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު