ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން-
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން-
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 25 އަހަރާއި 34 އަހަރާ ދެމެދުގެ ފަރާތްތައް ކަމަށާއި، އޭގެ ތެރޭގައިވެސް އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ އަންހެނުންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ރިޕޯޓުތައް ހާމަކުރާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 1.4 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު ގާތްގަނޑަކަށް 3 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އުމުރުފުރާތަކާއި ޖިންސަށް ބަލާއިރު، 65 އަހަރުން މަތީގެ އުމުރުފުރާ ފިޔަވައި އެހެން ހުރިހާ އުމުރުފުރާތަކެއްގައިވެސް ރާއްޖެއަށް އަންނަ އަންހެން ފަތުރުވެރިންގެ އަދަދު ފިރިހެނުންނަށްވުރެ އިތުރެވެ. މިގޮތުން، ރާއްޖެ އައި މުޅި ޖުމްލަ ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ކަމަށްވާ 14 އިންސައްތަ ހިއްސާކުރަނީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރީ 35 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންނެވެ. އެއީ މުޅި ފަތުރުވެރިކަމުގެ 11.8 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނައިން ރާއްޖެ އައިސްފައިވަނީ 14 އަހަރުން ދަށުގެ ކުޑަކުދިން (އަންހެން) ކަމަށް ވާއިރު، ފިރިހެން ފަތުރުވެރިންގެ މެދުގައިވެސް ރާއްޖެ އެންމެ ބޮޑަށް މަޤްބޫލުވެފައިވަނީ ޒުވާން އުމުރުފުރާ ކަމަށްވާ 25 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންގެ މެދުގައެވެ.

މާކެޓްތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ދެވަނައިގައި ރަޝިއާ އޮތްއިރު، މި ދެ ޤައުމުން ވަކިވަކިން ވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ވަނީ 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޗުއްޓީ ހޭދަކުރުމަށް އޮތް ރައްކާތެރި މާހައުލުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންނާއި ޢާއިލާތަކުގެ މެދުގައި ދިވެހިރާއްޖެއަކީ އަދިވެސް އެންމެ މަޤްބޫލު އެއް މަންޒިލެވެ. ޚާއްޞަކޮށް ޒުވާން ފަތުރުވެރިންނާއި އަންހެން ފަތުރުވެރިންގެ ޝައުޤުވެރިކަން ރާއްޖެއަށް އިތުރުވަމުން އަންނަކަން މި ތަފާސްހިސާބުތަކުން ވަރަށް ސާފުކޮށް ހާމަވެއެވެ.



ކިޔުންތެރިންގެ ހިޔާލު