ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް ވެރިފިކޭޝަން ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ފަށައިފިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ މި މަރުހަލާގައި އެޕްލިކަންޓުން ހުށަހަޅާފައިވާ މައުލޫމާތުތަކާއި، ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލްތަކުން މިނިސްޓްރީއާ ހިއްސާކޮށްފައިވާ މައުލޫމާތުތައް އަޅާކަނޑައި، ސައްހަކަން ކަށަވަރުކުރަމުންދާނެ ކަމަށެވެ.

މިގޮތުން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި އިދާރާތަކުން ލިބިފައިވާ މައުލޫމާތާ ދެމެދު އެއްވެސް ފުށުއެރުމެއްވާނަމަ، އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެއެވެ. އަދި މިފަދަ ބަދަލެއް ނުވަތަ އެންގުމެއް އަންނައިރު، ފޯމު ފުރުމުގައި ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގައިދޭނެ ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތުގައި މައްސަލައެއް އުޅޭކަމަށް ގަބޫލުކުރެވޭނަމަ، އެކަމުގެ ތަފްސީލާއި ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ކޮންމެ އެޕްލިކަންޓަކަށްވެސް 7 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. ދީފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދާރީނުވެއްޖެނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ ފޯމެއްގެ ގޮތުގައި ބަލައި ބާތިލުކުރެވޭނެއެވެ. އަދި މި މަރުހަލާގައި ޖަވާބުދާރީވެވޭނީ ހަމައެކަނި "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް ހުށަހަޅާ ޖަވާބުތައް ބަލައިނުގަންނާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު