ސާރާ އަރުޖުން, ލެޖެންޑް ތަރި މަދޫބާލާ އަދި ސަންޖޭ ލީލާ ބަންސާލީ
ސާރާ އަރުޖުން, ލެޖެންޑް ތަރި މަދޫބާލާ އަދި ސަންޖޭ ލީލާ ބަންސާލީ
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ، ކުރީގެ ލެޖެންޑަރީ ބަތަލާ މަދޫބާލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު (ބައޮޕިކް) ގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި ފިލްމުގައި މަދޫބާލާގެ ރޯލު ކުޅުމަށް ހަމަޖެހިފައިވަނީ ހުނަރުވެރި ޒުވާން ބަތަލާ ސާރާ އަރުޖުން އެވެ.

ޚަބަރުތައް ބުނާ ގޮތުގައި، މި ބައޮޕިކްގެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ ބަންސާލީ މިހާރު ޑައިރެކްޓް ކުރަމުންދާ ފިލްމު "ލަވް އެންޑް ވޯ" ގެ ޝޫޓިން ނިންމާލުމަށް ފަހުގަ އެވެ. ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ވިކީ ކޯޝަލް މުހިންމު ރޯލުތަކުން ފެނިގެންދާ "ލަވް އެންޑް ވޯ" ގެ ފަހު މަންޒަރުތައް މި އޮގަސްޓް މަހުގެ ނިޔަލަށް ގޯރެގާއޯންގެ ރޯޔަލް ޕާމްސްގައި ނިންމާލެވޭނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

މިޑް-ޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ހަފްތާގައި ބަންސާލީ "ލަވް އެންޑް ވޯ" ގެ އެންމެ ފަހު ލަވައިގެ ޝޫޓިން ރޯޔަލް ޕާމްސްގައި ކުރިއަށް ގެންދާނެ އެވެ. އަދި އެ މަސައްކަތް ނިމުމާ އެކު، އެ ލޮކޭޝަން މަދޫބާލާގެ ބައޮޕިކަށް ބޭނުންވާ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ޕްރޮޑަކްޝަން ޑިޒައިން ޓީމުން ވަގުތުން ފަށާނެ އެވެ.

ފިލްމީ ދާއިރާގެ މަސްދަރަކުން ހާމަކޮށްފައިވާ ގޮތުގައި، އޮގަސްޓް މަހުގެ ފަހުކޮޅު "ލަވް އެންޑް ވޯ" ގެ ޝެޑިއުލް ނިމުމާއެކު ސެޓު ތައްޔާރުކޮށް، ސެޕްޓެމްބަރު މަހުގެ ތެރޭގައި މަދޫބާލާގެ ބައޮޕިކްގެ ޝޫޓިން ރަސްމީކޮށް ފެށޭނެ އެވެ.

މިހާތަނަށް ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމު ޑައިރެކްޓް ކުރަނީ 2022 ވަނަ އަހަރު ނުކުތް މަގްބޫލު ފިލްމު "ޑާލިންގްސް" ގެ ޑައިރެކްޓަރު ޖަސްމީތު ކޭ ރީން އެވެ. މާލީ ދަތިތަކަކާ ހުރެ ކުރިން މެދުކެނޑިފައި އޮތް މި ޕްރޮޖެކްޓުގެ މަސައްކަތް އަލުން ބާރަށް ކުރިއަށްދާން ފެށީ، ސަންޖޭ ލީލާ ބަންސާލީ މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ގުޅުމާ ގުޅިގެންނެވެ.

މަދޫބާލާގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ސާރާ އަރުޖުން މިހާރު ވަނީ ޚާއްސަ ތަމްރީނުތަކެއް ފަށާފަ އެވެ. ޑައިރެކްޓަރު ޖަސްމީތު ބޭނުންވަނީ މަދޫބާލާގެ މިޒާޖާއި، އޭނާގެ ހަރަކާތްތަކުގެ އިތުރުން އެ ޒަމާނުގެ ވައްޓަފާޅި އެންމެ ފުރިހަމައަށް ފިލްމުގައި ދައްކުވައިދިނުމަށެވެ.

ކާމިޔާބު "ދުރަންދަރު" ފްރެންޗައިޒްގައި ރަންވީރު ސިންގްގެ ކެރެކްޓަރު ހަމްޒާ އަލީ މަޒާރީގެ ލޯބިވެރިޔާ ޔަލީނާ ޖަމާލީގެ ރޯލުން ބޮޑު މަގްބޫލުކަމެއް ހޯދި ސާރާގެ މި އައު ފިލްމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. "ލަވް އެންޑް ވޯ" ނިމުމަކާ ގާތްވެފައިވާއިރު، މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ހިންދީ ސިނަމާގެ އެންމެ ވިދުންގަދަ އެއް ތަރި ކަމަށްވާ މަދޫބާލާގެ ހަޔާތް ގެނެސްދޭ މި ފިލްމަށެވެ.



ކިޔުންތެރިންގެ ހިޔާލު