މުޞްއަބު ޙުސައިން
މުޞްއަބު ޙުސައިން
ބަންގްލަދޭޝްގެ ބާރިޝާލް ޑިސްޓްރިކްޓްގެ ގޯރްނާދީއަށް ނިސްބަތްވާ ޢުމުރުން 13 އަހަރުގެ މުޞްޢަބު ޙުސައިން، އެންމެ 73 ދުވަހުގެ (2 މަހާއި 13 ދުވަސް) ތެރޭގައި މުޅި ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކޮށް، އާދަޔާޚިލާފު ބޮޑު ކާމިޔާބީއަކާއެކު ގިނަ ބައެއްގެ ސަމާލުކަމާއި ތަޢުރީފު ހޯދައިފިއެވެ.

ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މިހާރު ދައުރުވަމުންދާ ޚަބަރުތައް ބުނާގޮތުން، މީޒާނުއްރަޙްމާން ބޭޕާރީގެ ދަރިފުޅު މުޞްޢަބު މި ޝަރަފުވެރި ކާމިޔާބީ ޙާޞިލުކުރީ "ޙަޟްރަތު އުބައްޔު ބިން ކަޢުބު (ރޢ) ޙިފްޡުލް ޤުރްއާން މަދްރަސާ" އިންނެވެ. ތަޢުލީމީ ޙަޔާތުގެ ކުރީކޮޅުން ފެށިގެންވެސް ކިޔެވުމަށާއި ދީނީ ކަންކަމަށް ޚާއްޞަ ލޯތްބެއް ބެހެއްޓި މުޞްޢަބަކީ، ޕްރައިމަރީ ތަޢުލީމުގެ މަރުޙަލާގައިވެސް ތަފާތު އެކި މުބާރާތްތަކުން ފާހަގަކޮށްލެވޭ ވަނަތައް ހޯދާފައިވާ ވިސްނުންތޫނު ދަރިވަރެކެވެ.

މަދްރަސާގެ ތަޢުލީމު ފެށުމަށްފަހު، މުޞްޢަބު އޭނާގެ މުޅި ވަގުތު ހޭދަކުރީ ކީރިތި ޤުރްއާން އުނގެނުމާއި ހިތުދަސްކުރުމުގައެވެ. އޭނާގެ އުސްތާޛުން ފާހަގަކުރެއްވި ގޮތުގައި، އެހެން ކުދިން ކުޅިވަރާއި މަޖަލުގައި ވަގުތު ހޭދަކުރާއިރުވެސް، މުޞްޢަބު އަބަދުވެސް އިސްކަންދިނީ ފިލާވަޅުތައް މުރާޖަޢާ ކުރުމަށެވެ. އަދި ދަސްކުރި ބައިތައް ހަނދާނުގައި ބެހެއްޓުމަށްޓަކައި ރޭގަނޑުގެ ގިނަ ވަގުތުތައްވެސް ހޭދަކުރީ ޤުރްއާން ކިޔެވުމުގައެވެ.

އެ މަދްރަސާގެ ވެރިޔާ ޙާފިޡު ޤާރީ އިކްރާމުލް ޙައްޤު ވިދާޅުވީ، މުޞްޢަބު ބައެއް ދުވަސްދުވަހު އެއްކޮށް އެއް ފޮތް (އެއް ފޮތި) ދަސްކޮށްފައިވާ ކަމަށެވެ. މުޞްޢަބުގެ މި މަތިވެރި ކާމިޔާބީއާ ގުޅިގެން އޭނާގެ ބައްޕަ ވަނީ، ދަރިފުޅަށްޓަކައި ދެކުނު ފޮނި އުއްމީދު ޙަޤީޤަތަކަށް ވުމުން ﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވައި، އުފާފާޅުކޮށްފައެވެ.

މުޞްޢަބު ބުނި ގޮތުގައި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ކާމިޔާބީއެއް ޙާޞިލުކުރެވުނީ ﷲ ތަޢާލާގެ ރަޙްމަތްފުޅާއި، ޢާއިލާއާއި އުސްތާޛުންގެ މިންނެތް މަސައްކަތާއި ހެޔޮ ދުޢާގެ ސަބަބުންނެވެ. އަދި އޭނާގެ އެންމެ ބޮޑު އަމާޒަކީ މުސްތަޤުބަލުގައި އިސްލާމީ ބޮޑު ޢާލިމަކަށް ވުމެވެ.

މިފަދަ ކާމިޔާބީތަކަކީ މުޅި އިސްލާމީ އުއްމަތަށްވެސް ލިބޭ ބޮޑު ފަޚުރެކެވެ. މި ފުރުޞަތުގައި ފާހަގަކޮށްލަންޖެހޭ މުހިންމު އެއް ކަމަކީ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް ވަރަށް ޅަފަތުގެ ޢުމުރުގައި ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކުރަމުންދާ ދަރިވަރުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމެވެ. މިއީ ދިވެހި މުޖުތަމަޢުގައި ޤުރްއާނަށް އޮތް ލޯތްބާއި ޝައުޤުވެރިކަން ހާމަކޮށްދޭ ވަރަށް އުފާވެރި ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު