ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް   ފޮޓޯ: ވޮއިސް
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ފޮޓޯ: ވޮއިސް
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންޖެހޭ ބަހަކީ އެކުދިންގެ މާދަރީ ބަސް ނުވަތަ ދިވެހިބަސް ކަމަށާއި، ގޭތެރޭގައާއި މަދަރުސާތަކުގައިވެސް ކުދިންނާ ވާހަކަދެއްކުމުގައި ދިވެހިބަހަށް އިސްކަންދޭންޖެހޭ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޑރ. ޙަސަން ޙަމީދު ލިޔުއްވާފައިވާ އިނގިރޭސި-ދިވެހި ބަސްފޮތް ނެރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ދިރިއުޅުމުގައި އިނގިރޭސި ބަހުގެ މުހިންމުކަން ބޮޑުވެފައިވީ ނަމަވެސް، ޑރ. ޙަސަން ޙަމީދުގެ މި ފޮތަކީ އިނގިރޭސި ބަހުގެ މުއްސަނދިކަން ދިވެހިބަހުން ދެނެގަތުމަށް ތަނަވަސްވެގެންދިޔަ ވަރަށް މުހިންމު ފާލަމެއްގެ ގޮތުގައި ރައީސް މައުމޫން ސިފަކުރެއްވިއެވެ.

އަދި މިއީ ދިވެހި ދަރިވަރުންނަށާއި، ލިޔުންތެރިންގެ އިތުރުން ތަރުޖަމާނުންނަށްވެސް ލިބިގެންދިޔަ އަގުހުރި ޢިލްމީ ޚަޒާނާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އާންމުވުމުގެ ސަބަބުން، އިނގިރޭސި ބަހަށް ކުދިން ހުށަހެޅޭ މިންވަރު އިތުރުވެ ދިވެހިބަހުގެ އަސްލު ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މިއީ މުޅި މުޖުތަމަޢު ފުންކޮށް ވިސްނަންޖެހިފައިވާ ކަމެއް ކަމަށާއި، މާދަރީ ބަސް ޙިމާޔަތްކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހިބަސް ކުރިއެރުވުމަށް ޑރ. ޙަސަން ޙަމީދު ފަދަ ޢިލްމީ ބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކުން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށް ވިދާޅުވެ، ޒުވާނުންނާއި ލިޔުންތެރިން ބަހުގެ ދިރާސާތައް އިތުރުކޮށް ދިވެހި އަދަބިއްޔާތު ދިރުވައި އާލާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސް މައުމޫން އިލްތިމާސްކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މައުމޫންގެ ވެރިކަމުގައި 1980 ވަނަ އަހަރު ހިންގެވި "އަސާސީ ތަޢުލީމުގެ މަޝްރޫޢު" އަކީ ރާއްޖޭގައި ލިޔެކިޔަން ނުދަންނަ މީހުންގެ ނިސްބަތް ނައްތާލައި، ދެކުނު އޭޝިއާގައިވެސް ލިޔެކިޔަން ދަންނަ މީހުންގެ ނިސްބަތް އެންމެ މަތީ ޤައުމަށް ރާއްޖެ ހެދުމުގައި ހިންގުނު އެންމެ ކާމިޔާބު އެއް ޤައުމީ މަޝްރޫޢެވެ.



ކިޔުންތެރިންގެ ހިޔާލު