ފޮޓޯ: މިފްކޯ
ފޮޓޯ: މިފްކޯ
ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026ގެ ބައިވެރިންނަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ހަރަކާތްތައް ދައްކާލައިފިއެވެ.

މިފްކޯއިން ބުނީ، މި ޙަރަކާތަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ މަސައްކަތްތައް ހިނގާގޮތް އަމަލީގޮތުން ދައްކާލުމަށް މިފްކޯ އާއި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި، ދަޢުލަތުގެ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން އިންތިޒާމު ކުރި ހަރަކާތެއް ކަމަށެވެ. މިގޮތުން ސިޑްސް ޖީބީއެން ފޯރަމްގައި ބައިވެރިވުމަށް ރާއްޖެ އައި ވަފުދުގެ ބައިވެރިންނަށް މާލޭ މަސް މާރުކޭޓާއި، މާލޭ ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން މިފްކޯގެ ކަނޑުއޮތްގިިރި ފެސިލިޓީ ވަނީ ދައްކާލާފައެވެ.

މާލޭ މަސް މާރުކޭޓަށް ކުރި ޒިޔާރަތުގައި، މަސްވެރިކަމުގެ ސިނާޢަތުގައި މާރުކޭޓުގެ ދައުރާއި، ސަގާފީ މަސްވެރިކަމުގެ ހަރަކާތްތަކުގެ އިތުރުން ރާއްޖޭގެ ބާޒާރުގައި މަސް ވިއްކުމުގެ ކަންކަން ހިނގާގޮތުގެ މަޢުލޫމާތު ބައިވެރިންނަށް އަރުވާފައިވެއެވެ. ހަމައެއާއެކު ދަތުރުވެރިންގެ މާރުކޭޓުގައި، ރަށްރަށުގެ އުފެއްދުންތަކާއި، އެ މަސައްކަތްތަކުން އާންމުންގެ ދިރިއުޅުމަށާއި އިޤްތިޞާދަށް ކުރާ ފައިދާތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައި ވެއެވެ.

މީގެ އިތުރުން، ކަނޑުއޮތްގިރީގެ މަސައްކަތްތަކާއި، ދާދިފަހުން އެރަށުގައި ހުޅުވި ހިިކިމަސް ތައްޔާރުކުރާ ކާރުޚާނާ ވަނީ ދައްކާލާފައެވެ. މިގޮތުން މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ މަރުހަލާތަކާއި، ކޮލިޓީ ކޮންޓްރޯލް ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން، މަސް ކިރުވާ ހިސާބުން ފެށިގެން އުފެއްދުން ބަންދުކުރުމާ ހަމައަށް ހިނގާ ހުރިހާ މަރުހަލާތަކެއް ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ.

"މި ޒިޔާރަތުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައާއި، މަހުގެ އުފެއްދުންތަކަށް އަގުއެއްކުރުމުގައި މިފްކޯއިން އަދާކުރާ މުހިންމު ދައުރު ބައިވެރިންނަށް އަމަލީގޮތުން ތަޖުރިބާ ކުރެވިފައެވެ." މިފްކޯއިން ބުނެފައިވެއެވެ.

މި ޒިޔާރަތަކީ މިމަހުގެ 23 އިން 25 އަށް ރާއްޖޭގައި ބޭއްވި "ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީ.ބީ.އެން) ފޯރަމް" އާއި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް"ގެ ހަވާސާގެ ތެރެއިން ބޭއްވުނު ޙަރަކާތެއް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު