އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު    ފޮޓޯ: ރަސްއޮންލައިން
އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު ފޮޓޯ: ރަސްއޮންލައިން
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ އައު ސަފީރުގެ މަޤާމަށް ގ. މާފަހި، އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމު ހުސްވެފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ޑރ. އިރުތިޝާމް އާދަމް ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖަމީލާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު ބަޔާންކުރާ ގޮތުގައި، ރާއްޖެއިން ބޭރު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ކަނޑައަޅާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ.

މަޖިލީހުން މިއަދު ރުހުން ދެއްވި ޖަމީލާ ޢަލީ ޚާލިދަކީ ޚާރިޖީ ދާއިރާގައްޔާއި ދައުލަތުގެ ޚިދުމަތުގައި ގިނަގުނަ ތަޖުރިބާތަކެއް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން، މީގެކުރިން އެކަމަނާ ވަނީ ބެލްޖިއަމަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައެޅުއްވި މިޝަންގެ ވެރިޔާގެ މަޤާމުވެސް އަދާކުރައްވާފައެވެ. މީގެއިތުރުން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަންވެސް އެކަމަނާ ވަނީ ފުރުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު