މާލިނީ ޝަރްމާ
މާލިނީ ޝަރްމާ
2002 ވަނަ އަހަރު ނުކުތް ބޮލީވުޑްގެ މަޝްހޫރު ބިރުވެރި ފިލްމު 'ރާޒް' އިން ބިޕާޝާ ބާސޫ އަދި ދީނޯ މޮރެޔާއާއެކު ފެނިގެންދިޔަ ބިރުވެރި ރޫހުގެ ރޯލު ކުޅުނު އެކްޓްރެސް މާލިނީ ޝަރްމާ، ފިލްމީ ދާއިރާއާ މުޅިން ދުރަށް ޖެހިލުމަށްފަހު މިހާރު އިންޑިއާގެ ގުދުރަތީ ރީތި ޖަންގަލި ސަރަހައްދެއްގައި އާދައިގެ ދިރިއުޅުމެއް އުޅެމުންދާކަން ހާމަވެއްޖެއެވެ.

'ރާޒް' ފިލްމުގެ މަޝްހޫރު ލަވަ "އާޕްކޭ ޕްޔާރު މޭ" އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި މާލިނީއަކީ 90 ގެ އަހަރުތަކުގެ ފަހުކޮޅާއި 2000 ގެ އަހަރުތަކުގެ ކުރީކޮޅު އިންޑިއާގެ މިއުޒިކް ވީޑިއޯތަކާއި މޮޑެލިންގެ ދާއިރާގައި ވަރަށް މަގުބޫލު މޫނެކެވެ.

ނަމަވެސް 'ރާޒް' އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު ފިލްމީ ދާއިރާގައި ކުރިއަށްދިއުމުގެ ބަދަލުގައި، އޭނާ ނިންމީ ކެމެރާގެ ކުރިމަތިން ދުރަށްގޮސް އަމިއްލަ ދިރިއުޅުމަކަށް މިސްރާބު ޖެހުމަށެވެ.

މިހާރު މާލިނީ ދިރިއުޅެމުންދަނީ އިންޑިއާގެ ޕޫނޭ ކައިރީގައިވާ ސަހްޔާދްރީ ފަރުބަދަތަކުގެ ސަރަހައްދުގައި ހުންނަ އޭނާގެ އާއިލީ ފާމްސްޓޭއެއްގައެވެ.





"ދަ ސުލޯ ލޯކަލް" ގެ ނަމުގައި އޭނާ ހިންގާ މި މަޝްރޫއުގެ ދަށުން، އަމިއްލައަށް އިންދައިގެން ހައްދާ މޭވާއާއި ތަރުކާރީ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރުމާއި، ގުދުރަތީ މާހައުލުގައި މަޑުމައިތިރި ދިރިއުޅުމެއް އުޅުމަށް އޭނާ ވަނީ އިސްކަންދީފައެވެ. އަދި އެ ސަރަހައްދުގައި ގަސްގަހާގެހި އިންދައި، ޖަންގަލީގެ ގުދުރަތީ ރީތިކަން ރައްކާތެރިކުރުމުގެ މަސައްކަތްވެސް އޭނާ ކުރެއެވެ.

އެތައް އަހަރެއްގެ މެދުކެނޑުމަކަށްފަހު، މާލިނީ ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ހިއްސާކޮށް އޭނާ ފިލްމީ ދާއިރާއިން ގެއްލުނު ސަބަބާއި މިހާރުގެ ދިރިއުޅުމުގެ މައުލޫމާތު ފޭނުންނަށް ހިއްސާކޮށްފައެވެ.

އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ، 23 އަހަރަށްފަހު ކެމެރާގެ ކުރިމައްޗަށް މި ނުކުމެވުނީ އެއްވެސް މޭކަޕެއް އަދި ޑައިލޮގްތަކެއް ނެތި އަމިއްލަ ހަގީގީ ސޫރައިގައި ކަމަށާއި، އޭނާ ދިރިއުޅެމުންދަނީ ވަރަށް އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް