މިދިޔަ ފިތުރު އީދުން ފެށިގެން، އަޅުގަނޑު ދަނީ ލޮލުގެ ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދިން ފަރުވާވެސް ހިމެނޭ ގޮތަށެވެ.

މި ހަފްތާގައި ޑޮކްޓަރަށް ދެއްކުމަށް ދިޔައިރު، ހިތުގައި ހާސްކަން ވަނީ ބޮޑުވެފައެވެ. ސަބަބަކީ ލޮލުގެ ފެނުމަށް އެއްވެސް ކުރިއެރުމެއް އަންނަކަމުގެ އިހުސާސެއް އަޅުގަނޑަށް ނުކުރެވޭތީއެވެ. ނަމަވެސް، ހެދި ސްކޭންތަކުން ދެއްކި ގޮތުގައި ލޮލަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އަދި އަޅުގަނޑު ބެއްލެވި ޕްރޮފެސަރުވެސް ހުންނެވީ އެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ކުއްލިއަކަށް، އިންސާނާގެ އާދައިގެ ލޮލަށް ނުފެންނަ ކަންތައްތައް ދެނެގަނެވޭނެ ވަސީލަތްތައް އުފެއްދުމުގެ ހިކުމަތް ދެއްވިކަމަށްޓަކައި މާތްﷲ އަށް ޝުކުރުވެރިވުމުގެ އިހުސާސް އަޅުގަނޑުގެ ހިތުގައި އުފެދުނެވެ.

އަދި އެ ހިސާބުން، މުޅި ހަފްތާގައި އަޅުގަނޑުގެ ހިތުގައި އެއް ޚިޔާލެއް ދައުރުވަމުން ދިޔައެވެ.

އޮށެއް ފަޅައިގެން އައުމުގެ ކުރިން، ބިމުގެ އަޑީގައި އެ ފީވެ، މަރުވާންޖެހޭކަން އަހަރެމެން އެންމެން ދަންނަމުއެވެ. ފެހިކަންގަދަ ކުރިގަނޑެއް ބިމުން މައްޗަށް ފާޅުވުމުގެ މާ ކުރިން، ބިމުގެ ފުންމިނުގައި އެއްވެސް މީހަކަށް ނުފެންނަ ގޮތަށް އޭގެ މޫތައް ހިމޭންކަމާއެކު އުފެދި ވަރުގަދަވަމުންދެއެވެ.

ދިރިއުޅުމުގެ ހަގީގަތަކީވެސް މިއީއެވެ. ލޮލަށް ފެންނަ ބޮޑެތި ބަދަލުތަކަކީ، ލޮލަށް ނުފެނި އެތެރެއިން ހިނގަމުންދާ ދިގު ދަތުރެއްގެ ނަތީޖާއެވެ.

"ތިޔައީ ހަމަ ރަނގަޅު ވާހަކައެއް. ކަމެއް ނުކުރީމާ މިހެން މިވީ"

ދިރިއުޅުމުގައި ދިމާވާ ގިނަ ކަންތައްތައް ކުއްލިއަކަށް ބަދަލުވާ ކަމަށް ހީވިޔަސް، ހަގީގަތުގައި ކަންވަނީ އެހެންނެއް ނޫނެވެ.

މީހަކު ގެއަށް އައިއިރު ގޭގެ ދޮރު ހުރީ ތަޅުލާފައެވެ. އޭނާ ދޮރުގައި ތަޅައި ގޮވުމުން، އޭނާގެ އަންހެނުން އެތެރޭގައި ހުރެ ބުނީ، އޭނާ އެގޭގައި ހުންނަން ބޭނުންނުވާ ކަމަށާއި އޭނާގެ ތަކެތި މަގުމައްޗަށް ނެރެފައިވާ ކަމަށެވެ.

އޭނާ ތިރިއަށް ދިޔައިރު، ހުރިހާ ފޮށްޓަކާއި އަންނައުނެއް މަގުމަތީގައި ހުއްޓެވެ.

އޭނާ ހަޅޭއްލަވައިގަތެވެ: "އަހަރެން ހަމަ އެއްވެސް ކަމެއް ނުކުރަމޭ!"

އޭނާގެ އަންހެނުން ޖަވާބު ދިނެވެ: "ތިޔައީ ހަމަ ރަނގަޅު ވާހަކައެއް. ގުޅުން ރަނގަޅުކުރަން އެއްވެސް ކަމެއް ނުކޮށް ފަރުވާކުޑަކޮށްލީމާ މިހެން މިވީ."

ގިނަ ފަހަރަށް މީހުން ސުވާލުކުރެއެވެ: "މިހާރު ކުއްލިއަކަށް މިހެން މިވީ ކީއްވެ؟ އެމީހުން ކުއްލިއަކަށް ދިޔައީ ކީއްވެ؟"

ނަމަވެސް ގިނަ ފަހަރަށް އެއްވެސް ކަމެއް ކުއްލިއަކަށް ބަދަލެއް ނުވެއެވެ. އެ ބަދަލުތައް ހިމޭންކަމާއެކު ފޮރުވިފައިވާ ގޮތެއްގައި ހިނގާތާ ކިތަންމެ ދުވަހެކެވެ. އެއީ ހިތުގައި އުފެދޭ މާޔޫސްކަމާއި، ނަފްސާނީ ގޮތުން ދުރުވުމާއި، އަޅާނުލެވި ދޫކޮށްލެވޭ ކުދިކުދި ކަންކަމެވެ. އަދި އެއްދުވަހަކުން އެކަން ފެންމަތިވެ ބޭރަށް ފާޅުވަނީއެވެ.

ލޯގަނޑެއް ފަދަ އެކުވެރިއެއްގެ މުހިންމުކަން

އަޅުގަނޑަށް ދަސްވި އަނެއް ކަމަކީ، ބައެއް ފަހަރު އަމިއްލަ ނަފްސުގެ ހާލަތު އަމިއްލައަށް ވަޒަންކުރަން އުނދަގޫވާ ކަމެވެ. ތިމާގެ އެތެރޭގައި ހިނގާ ކަންތައްތައް ދެނެގަތުމަށް، ލޯގަނޑެއް ފަދައިން އެކަންކަން އޮޅުވާލުމެއް ނެތި ދައްކައިދޭނެ ތެދުވެރި އެކުވެރިއެއް ނުވަތަ ހެޔޮއެދޭ މީހަކު ބޭނުންވެއެވެ.

އެއީ ކިތަންމެ ހިތި ހަގީގަތަކަށް ވިޔަސް، ތެދުބަހުން ކަންކަން ކިޔައިދޭނެ މީހަކު ހުރުމަކީ އަމިއްލަ ނަފްސު އިސްލާހުކޮށް ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ފާހަގަނުކުރެވޭ ކުދިކުދި ކުރިއެރުންތައް

ލޮލުގެ ފެނުމުގައި ދަތިތަކެއް ހުރި ނަމަވެސް، ސްކޭންތަކުން ޝިފާ ލިބެމުންދާކަން ސާބިތުވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުންމީދެކެވެ. މިއީ ދިރިއުޅުމުގައި އަންނަ، އަހަރެމެންނަށް ފާހަގަނުކުރެވޭ ކުދިކުދި ހެޔޮ ބަދަލުތަކާ މެދު ވިސްނާލަން ލިބުނު ފުރުސަތެކެވެ.

އެއީ:

ރުޅިއަންނަ ވަގުތު ކެތްތެރިވެ، މަޑުމައިތިރިކަމާއެކު މުއާމަލާތް ކުރެވޭ ވަގުތުތަކެވެ.

ހިތްދަތި އެއްޗެއް ބުނުމުގެ ކުރިން ދޫ ހިފެހެއްޓޭ ވަގުތުތަކެވެ.

އަނެކާގެ ވާހަކަ މެދުކަނޑާލުމުގެ ބަދަލުގައި، ކަނުލައި އަޑުއަހާލެވޭ ވަގުތުތަކެވެ.

މާޒީގައި ހެދުނު ގޯސްތަކުން އިބުރަތް ލިބިގަނެ، މިއަދު ތަފާތު ގޮތަކަށް އަމަލުކުރެވޭ ވަގުތުތަކެވެ.

މިއީ ވަރަށް ކުދިކުދި، އެހެންނަމަވެސް ނުހަނު މުހިންމު ކާމިޔާބީތަކެވެ. ބޮޑެތި ކަންތައްތަކެއްގެ ގޮތުގައި ލޮލަށް ފާޅުނުވި ނަމަވެސް، މިއީ ހަގީގީ ކުރިއެރުމެވެ.

ޝުކުރުވެރިކަމުގެ ނަޒަރަކުން ދުނިޔެ ބެލުން

ގިނަ މީހުންނަށް ތަބީއީގޮތުން ސަމާލުކަން ދެވެނީ އަދިވެސް ހައްލުނުވެ ހުރި ކަންކަމަށެވެ. ނަމަވެސް މިއަދު އަޅުގަނޑު ދަސްކުރީ ތަފާތު ސުވާލެއް ކުރާށެވެ: "މި ހަފްތާގައި ތިމާއަށް ލިބުނު ކުޑަނަމަވެސް ހެޔޮ ބަދަލަކީ ކޮބައި ހެއްޔެވެ؟"

މި ތަޖުރިބާގެ ސަބަބުން، ކުރިން މާ ބޮޑު ކަމެއް ކަމަށް ނުދެކޭ އެތައް ކަމެއްގެ އަގު ވަޒަންކުރަން ދަސްވެއްޖެއެވެ. ދަރިންނާއެކު ހޭދަކުރެވޭ އާދައިގެ ވަގުތުތަކާއި، އަމިއްލައަށް ކަންކަން ކޮށްލުމުގެ ކުޅަދާނަކަން ލިބިފައިވުމަކީ އިންތިހާއަށް އަގުހުރި ނިޢުމަތްތަކެކެވެ.

ފަހަރެއްގައި މިކަމުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ މިއީއެވެ؛ ހިތްދަތި ކަންކަމެކޭ އެއްފަދައިން، ހަގީގީ ޝިފާއާއި ހެޔޮ ބަދަލުތައްވެސް ހިނގަމުންދަނީ ވަރަށް ހިމޭންކަމާއެކު ލޮލަށް ނުފެންނަ ގޮތަށެވެ. ދަތި އުނދަގޫ ހާލަތްތަކުގައިވެސް ކެތްތެރިވެ، ލިބިފައިވާ ކުދިކުދި ނިޢުމަތްތަކަށް ޝުކުރުވެރިވެއްޖެނަމަ، ދިރިއުޅުމުގެ އުންމީދު އަބަދުވެސް އާލާވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު