ސެލީނާ ގޯމޭޒް
ސެލީނާ ގޯމޭޒް
ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ސެލީނާ ގޯމޭޒް، އޭނާގެ މައްޗަށް އިންވެސްޓަރުންތަކެއް ކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް "ބޭކާރު" ވާހަކަތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފިއެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ ސެލީނާ އޭނާގެ މަންމައާއެކު މީގެ ފަސް އަހަރު ކުރިން އުފެއްދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޕްލެޓްފޯމް "ވޮންޑާމައިންޑް" އަށް އިންވެސްޓްކުރި ފަސް އިންވެސްޓަރަކު، ގޯމޭޒް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. އެ އިންވެސްޓަރުން ދައުވާކުރާ ގޮތުގައި، ސެލީނާ އެ ޕްލެޓްފޯމް ކުރިއެރުވުމަށް އެކަށީގެންވާ އެއްބާރުލުން ދީފައިނުވާތީ، އެމީހުން އިންވެސްޓްކުރި ގާތްގަނޑަކަށް 1.2 މިލިއަން ޑޮލަރު ވަނީ ގެއްލިފައެވެ.

އިންވެސްޓަރުން ބުނާ ގޮތުގައި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޝަޚްސިއްޔަތު ކަމަށްވާ ސެލީނާ ގޯމޭޒް، އެ ކުންފުނީގެ މާކެޓިންގ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ ކުންފުނި ބިނާކުރުމުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް އެމީހުންނަށް އޮތީ އަންގާ

ފައެވެ.

ނަމަވެސް، މި ތުހުމަތުތައް ދޮގުކޮށް ސެލީނާގެ ވަކީލު މެތިއު ރޮސެންގާޓް ވިދާޅުވީ، މިއީ އެއްވެސް ބުރަދަނެއް އަދި ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި ސެލީނާ އެ ކުންފުނި ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެފަދަ އެއްވެސް ޒިންމާއެއް ނެގުމަށް ދުވަހަކުވެސް އެއްބަސްވެފައި ނުވާނެ ކަމަށް ވަކީލު ވިދާޅުވިއެވެ. އެހެންކަމުން، މި މައްސަލައިން ސެލީނާގެ ނަން އުނިކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އަގުވައްޓާލަން މަސައްކަތްކުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތުތައްވެސް ބަލަމުން އަންނަ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މި މައްސަލައިން ސެލީނާ ގޯމޭޒް ބަރީއަވާން މަސައްކަތް ކުރަމުންދާއިރު، މީގެ ސަބަބުން އޭނާގެ މަންމައާއި، ކުންފުނީގެ އަނެއް ހިއްސާދާރު މި މައްސަލައިގެ ތެރޭގައި ތާށިވެ، ބޮޑެތި ޕްރެޝަރުތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

މިކަމާ ގުޅޭގޮތުން ޕީއާރު އަދި ކްރައިސިސް މެނޭޖްމަންޓް މާހިރެއް ކަމަށްވާ 'އޮނެސްޓް ލަންޑަން' ގެ ބާނީ ލޯރެން ބީޗިންގ ވިދާޅުވީ، އާއިލީ މެންބަރުންނާއެކު ވިޔަފާރި ކުރުމަކީ ބޮޑު ރިސްކެއް ކަމަށެވެ. ޖެނަރ-ކާޑޭޝިއަން އާއިލާ ފަދަ ބައެއް ކާމިޔާބު މިސާލުތައް ހުރި ނަމަވެސް، ބެކަމްސް އަދި ބްރިޓްނީ ސްޕިއާސް ފަދަ އެތައް ބައެއްގެ ތަޖުރިބާއިން

ދައްކަނީ އާއިލީ ގުޅުންތަކާއި ވިޔަފާރި އެކުވުމުން ގިނަ ފަހަރަށް މައްސަލަތައް އުފެދޭ ކަމެވެ.

ބީޗިންގ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އާއިލާއާއެކު ވިޔަފާރި ފަށާއިރު ޒިންމާތައް ސާފުކޮށް ކަނޑައަޅައި، މިނިވަން ބެލެހެއްޓުންތެރިކަމެއް ގާއިމުކުރަން ޖެހެއެވެ. ނަމަވެސް، މި މައްސަލައިގެ ސަބަބުން ނޫސްތަކުގެ ފަލަސުރުޚީތަކަށް އެރި ނަމަވެސް، ގޯމޭޒްގެ އަގުބޮޑު ބްރޭންޑަށާއި އޭނާގެ ސަޕޯޓަރުންގެ މެދުގައި އޮތް މަގުބޫލުކަމަށް މާބޮޑު ދާއިމީ ގެއްލުމެއް ނުލިބޭނެ ކަމަށް އޭނާ ލަފާކުރެއެވެ.

މި ހަފްތާއަކީ ސެލީނާ ކުޅެފައިވާ ކާމިޔާބު ސީރީޒް "އޮންލީ މާޑާސް އިން ދަ ބިލްޑިންގ" ގެ އައު ސީޒަން ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ވަގުތަކަށް ވީނަމަވެސް، މިވަގުތު މީޑިއާގެ ސަމާލުކަން ވަނީ އޭނާއާ ދެކޮޅަށް އުފުލިފައިވާ މި ގާނޫނީ މައްސަލައަށް ހުއްޓިފައެވެ.



ކިޔުންތެރިންގެ ހިޔާލު