އަބްދުއްސަމަދު
އަބްދުއްސަމަދު
ޓީވީ ޗެނަލެއް މެދުވެރިކޮށް ފުލުހުންނަށް އިންޒާރުދީ ބިރުދެއްކި ކަމުގެ ތުހުމަތުގައި ޕްރޮގްރެސިވް ކޯލިޝަންގެ އެކްޓިވިސްޓް ގ. ރަންހިރި އަބްދުއްސަމަދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ 2021 ވަނަ އަހަރު ޗެނަލް 13 އަށް ދިން އިންޓަވިއުއެއްގައި، ފުލުހުންނަށް ހެކިބަސްދިން މީހުންނަށް އިންޒާރުދިން ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ބިރުދެއްކުމުގެ ކުށުގެ ދައވާއެކެވެ.

އެ އިންޓަވިއުގައި ސަމަދު ބުނެފައިވަނީ އޭނާ ޖަލުގައި ބަންދުކުރީ ފުލުހުންގެ ބަޔަކު ދޮގު ހެކިދީގެން ކަމަށާއި، އެ ބަޔާންތައް ދިން ފުލުހުން ވަކިވަކިން އެނގޭ ކަމަށެވެ.

އަދި 2023 ވަނަ އަހަރު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް އުފެދުމުން އެ މީހުން ޖަލަށް ގޮސް "ވަކިވަކިން ކޮށާލާނެ" ކަމަށް ބުނެ އޭނާ ވަނީ ވާހަކަދައްކާފައެވެ. މި މައްސަލައާ ގުޅިގެން އޭރު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ދައުވާ އުފުލިއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ނިންމެވީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން މި ދައުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ސާބިތުނުވާ ކަމަށެވެ.

ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަމަދު ދެއްކި ވާހަކަތަކަކީ ފުލުހުންނަށް ޖިސްމާނީ އަނިޔާއެއް ދިނުމުގެ ނިޔަތުގައި ނުވަތަ ލޭ އޮހޮރުވައިލުމުގެ މަގުސަދުގައި ބުނި ބަސްތަކެއްކަން ޝަރީއަތަށް ސާބިތެއް ނުވެއެވެ.

އޭގެ ބަދަލުގައި، އެއީ 2023 ގައި ޕާޓީ ވެރިކަމަށް އައުމުން ދޮގު ހެކިދިން ފުލުހުންނާ ގާނޫނީ ގޮތުން ހައްގުތައް އަރައިހަމަކުރާނެ ވާހަކަ ދެއްކުމުގެ ތެރެއިން ބުނެފައިވާ ބަސްތަކެއް ކަމަށް ބުރަވެވޭތީ، މައްސަލައިން އޭނާ ވަނީ ބަރީއަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު