ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި މިޝޭލް ޕްލެޓިނީ
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި މިޝޭލް ޕްލެޓިނީ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން ވަކިވެވަޑައިގަންނަވަން ޖެހޭ ކަމަށް، ޔޫއެފާގެ ކުރީގެ ރައީސް އަދި ފްރާންސްގެ ލެޖެންޑް މިޝޭލް ޕްލެޓިނީ ވިދާޅުވެއްޖެއެވެ.

އުމުރުން 56 އަހަރުގެ އިންފަންޓީނޯއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނީ، ފީފާގެ މުބާރާތްތަކަށް އަމިއްލަ ވިޔަފާރިވެރިންގެ އިންވެސްޓްމަންޓްތައް ގެނައުމަށް އޭނާ ރާއްވަވަމުން ގެންދަވާ ޕްލޭނާއި، ދާދިފަހުން ނޯތު އެމެރިކާގައި ނިމިދިޔަ ވޯލްޑް ކަޕާ ގުޅިގެން ފެންމަތިވި ގިނަ މައްސަލަތަކެއްގެ ސަބަބުންނެވެ.

ޕްލެޓިނީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިގުތިސާދީ ފައިދާތައް އެއްފަރާތްކޮށް ބެލިނަމަވެސް، ފުޓްބޯޅައިގެ އަސާސީ ގަވާއިދުތައް ހިމާޔަތްކުރުމުގައި އިންފަންޓީނޯ ފެއިލްވެފައިވާ ކަމަށާއި، އޭނާ ގަވާއިދުތަކަށް އެއްވެސް އިހުތިރާމެއް ނުކުރައްވާ ކަމަށެވެ.

އެގޮތުން، ވޯލްޑް ކަޕް މެޗުތަކުގައި ފެންބުއިމަށް ދޭ ވަގުތު 4 މިނެޓަށް ދަންމާލައި އިޝްތިހާރު ދެއްކުމާއި، ފައިނަލް މެޗުގެ ހާފް-ޓައިމް ޝޯވް 15 މިނެޓުން ގާތްގަނޑަކަށް 30 މިނެޓަށް ދިގުދެންމިކަން ޕްލެޓިނީ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް، އެމެރިކާގެ ފޯވާޑް ފޮލާރިން ބަލޮގުންއަށް ދެއްކި ރަތް ކާޑު ފީފާއިން ބާތިލުކުރުމަކީ ހެދުނު އެންމެ ބޮޑު ގޯސް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"އިޝްތިހާރު ދައްކަން މެޗު މެދުކަނޑާލުމާއި، ފައިނަލްގެ ހާފް-ޓައިމް 30 މިނެޓަށް ދިގުދެންމުމަކީ ގަވާއިދުގައި އޮތް ކަމެއް ނޫން. އަދި ރަތް ކާޑު ބާތިލުކުރުމަކީ ނިންމުނު އެންމެ ގޯސް ނިންމުން. އޭނާއަކީ ގަވާއިދުތައް ހިމާޔަތްކުރަން ހުރި އެންމެ އިސް ފަރާތް. އެކަމަކު އޭނާ ގަވާއިދަކަށް އިހުތިރާމެއް ނުކުރޭ. އެހެންވީމާ އޭނާ ޖެހޭނީ މަގާމުން ދުރަށްދާން،" އިންފަންޓީނޯ ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވި ދުވަސްވަރު އެ އިދާރާގެ ރައީސްކަން ކުރެއްވި ޕްލެޓިނީ ވިދާޅުވިއެވެ.

'ފީފާ ފޯވާޑް އެންޓަޕްރައިސަސް ޕްލޭން' ގެ ދަށުން ޕްރައިވެޓް އިންވެސްޓްމަންޓް ގެނައުމުގެ ވިސްނުން ދޫކޮށްނުލާނަމަ، ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރާނެ ކަމުގެ އިންޒާރު ޔޫއެފާއިން ވަނީ ދީފައެވެ. އަދި މި މައްސަލައިގައި އިންފަންޓީނޯއާ ދެކޮޅަށް ކޮންކާކަފް (CONCACAF) އާއި އޭޝިއާގެ ފުޓްބޯޅަ އިދާރާތަކުންވެސް ދަނީ ޔޫއެފާއާ ގުޅިގެން ޕްރެޝަރު ކުރަމުންނެވެ. މި ކުރިމަތިލުންތައް ހިނގަމުން މިދަނީ، އަންނަ މާޗު މަހު ބާއްވާ ފީފާގެ ރިޔާސީ އިންތިޚާބުގައި އިތުރު ދައުރަކަށް އިންފަންޓީނޯ ވާދަކުރައްވަން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޕްލެޓިނީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންފަންޓީނޯ މަގާމުން ވަކިކުރެވޭނީ ކުޅިވަރުގެ އިދާރާތަކަށް އެކަންޏެއް ނޫނެވެ. ޔޫއެފާއިން ބޭނުންނަމަ އެކަން ކުރަންޖެހޭނީ ޝަރުއީ ކޯޓުތައް މެދުވެރިކޮށެވެ. އަދި އިންފަންޓީނޯއަކީ އަބަދުވެސް ފައިސާއާއި ބާރަށް ލޯބިކުރައްވާ ބޭފުޅެއްކަން ކުރިއްސުރެ އެނގިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2015 ވަނަ އަހަރު ސެޕް ބްލެޓާއާ ގުޅުވައިގެން ޕްލެޓިނީގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކުން 2025 ގައި އޭނާ ކުށެއް ނެތްކަމަށް ސާބިތުވެ ބަރީއަވި ނަމަވެސް، އޭރު ފީފާގެ ރައީސްކަމަށް ވާދަކުރުމުގެ ފުރުސަތު އޭނާއަށް ވަނީ ގެއްލިފައެވެ. އެ ފުރުސަތުގެ ބޭނުން ހިއްޕަވައިގެން 2016 ގައި ފީފާގެ ރައީސްކަމަށް ވަޑައިގަތީ އިންފަންޓީނޯއެވެ.

މިހާރު ޕްލެޓިނީ ވަނީ، 2015 ވަނަ އަހަރު އޭނާއަށް ފީފާގެ ރިޔާސަތަށް ވަޑައިގަތުމަށް ހުރަސްއެޅުމުގެ ގޮތުން ރޭވި ރޭވުންތަކުގެ ބަދަލު ހޯދުމަށްޓަކައި، އިންފަންޓީނޯ އާއި ފީފާގެ ކުރީގެ އިސް ދެ އޮފިޝަލަކާ ދެކޮޅަށް ފްރާންސްގެ ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު