އިބްރާހީމް ސުޖާއު
އިބްރާހީމް ސުޖާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދުމަށް އެންމެ ޚާއްސަ ބަޖެޓަކަށް ވެގެންދާނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ 'ކޮންގްރެސް ފޯރި' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ވެރިކަން ކުރާ ޕާޓީއަކީ ވަކި ލީޑަރެއްގެ ނުވަތަ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ޕާޓީއެއް ނޫން ކަމަށާއި، އެއީ ދިވެހި ލޮބުވެތި ރައްޔިތުންގެ ޕާޓީއެއް ކަމަށެވެ.

އަދި ރައްޔިތުންނާއި ޕާޓީގެ މެންބަރުން އެދޭ ގޮތަށް ޕާޓީ ހިންގުމުގެ ފުރުސަތު ރައީސް މުޢިއްޒު ތަނަވަސްކޮށްދެއްވާ ކަމަށާއި، މިއީ ހުރިހާ ސިޔާސީ ޕާޓީތަކަށް ނަމޫނާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގައުމަށް ދިމާވެފައިވާ އިގްތިސާދީ ދަތި ހާލަތްތަކުން އަރައިގަތުމަށް ވަރަށް އުނދަގޫ ނިންމުންތައް ނިންމަން ޖެހިފައިވާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، އެއީ މި ސަރުކާރުން ކުރި ކަމަކުން ނޫން ކަމަށާއި ކުރީ ސަރުކާރުތަކުން ގައުމު ވައްޓާލާފައި އޮތް ހިސާބުގެ ސަބަބުން ނަގަން ޖެހޭ ނިންމުންތަކެއް ކަމަށެވެ.

ކުރިއަށް އޮތް ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ކުރީގެ ރައީސް ޔާމީނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ޕްރޮގްރާމް ބަޖެޓަކަށް ދާން ބޭނުންފުޅުވި ނަމަވެސް އެކަން ކުރައްވަން ކެރިވަޑައިނުގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޖެޓުގެ ތަފްސީލުތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ބަޖެޓު ފާސްކުރާއިރު ވަކިވަކި ކުދި އަދަދުތަކުން (މިސާލަކަށް ރަށެއްގެ ބަނދަރު ހަދަން ދެ ލައްކަ ރުފިޔާ) ނުޖަހާނެ ކަމަށެވެ. އޭގެ ބަދަލުގައި ގަނޑުކޮށް ނޭޝަނަލް ޕީއެސްއައިޕީ ފާސްކޮށް، އެ ރަށެއްގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ އިސްކަންދޭންޖެހޭ ކަންކަން ފުލްކޮށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން ކަނޑާއި ހަރުމުދާ ވިއްކައި ގައުމުގެ ފައިސާ ހުސްކޮށްލި ކަމަށެވެ.

އަދި 2028 ވަނަ އަހަރު ރައްޔިތުން އެ ނޫން ގޮތެއް އިޚްތިޔާރުކޮށްފިނަމަ އެމްޑީޕީން ގައުމު އަނެއްކާވެސް ވިއްކާލާނެ ކަމަށާއި، އެ ޕާޓީގެ ކިބައިގައި ހިންގުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން ޝުޖާއު ފާހަގަކުރެއްވީ، ރައްޔިތުން ނިންމާ ކޮންމެ ނިންމުމެއް ރައީސް ޑރ. މުއިއްޒު ހެޔޮހިތުން ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެގޮތުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ވެސް އެންމެ ފުރަތަމަ އިސްވެ ނުކުމެވަޑައިގެން ގަބޫލުފުޅުކުރައްވައި، ރައްޔިތުންގެ ނިންމުމަށް އެ މަނިކުފާނު އިހުތިރާމް ކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު