ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ޤައުމަށް ނުހަނު ފައިދާހުރި ބޮޑެތި މަޝްރޫއުތަކަށް ކުރީގެ ވެރިން ހުރަސް އަޅުއްވަނީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތު ހޯދުމުގެ ނިޔަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އީގަލް ހިލްސް މަޝްރޫޢާ ގުޅިގެން ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއާ ގުޅިގެން ތަރައްޤީކުރާ މަޝްރޫޢު ފަދަ ޤައުމީ މަޝްރޫއުތައް ހުއްޓުވަން ކުރީގެ ބައެއް ވެރިން މަސައްކަތްކުރައްވަނީ ހީލަތްތެރިކަމާއެކު ކަމަށެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، މުޅި ޤައުމުގެ މެޖޯރިޓީ ރައްޔިތުން މިއަދު އެދެނީ ޤައުމަށް ލާބަޔާއި މަންފާ ލިބޭ ބޮޑެތި މަޝްރޫޢުތައް ކޮންމެ ވެރިކަމެއްގައިވެސް ލިބި، ރައްޔިތުންނަށް ތަނަވަސްކަން އިތުރުވުމަށެވެ. ނަމަވެސް، އެންމެ ހިތާމަހުރި ކަމަކީ، މިޤައުމުގެ ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭ ވެރިކަން ކޮށްފައި ތިއްބަވާ ވެރިން އެމީހުންގެ އަމިއްލަ އެދުމާއި ނޭއްގާނީ އަމަލު ތަކުގެ ސަބަބުން ޤައުމާ ރައްޔިތުންނަށް ލިބިގެންދާ ފަހި ފުރުޞަތުތައް ބީވެގެން ދިއުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރަސްމާލޭ މަޝްރޫޢާ ގުޅޭގޮތުން ޝުޖާއު ވަނީ ވަކިވަކީން ބައެއް ނުކުތާތައް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދީގެން ތަރައްޤީ ކުރާ މަޝްރޫއަށް، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހިމެނޭހެން، ވެރިކަން ކޮށްފައި ތިއްބެވި ހުރިހާ ވެރިންވެސް ތާއިދުކުރައްވާ ކަމަށެވެ. ނަމަވެސް މިމަޝްރޫއާ ދެކޮޅަށް އެންމެން ވާހަކަ ދައްކަނީ "ހީލަތްތެރި ވިސްނުމެއްގަ!" ކަމަށާއި، އެބޭފުޅުންގެ ބޭނުމަކީ މިމަޝްރޫޢުން އެބޭފުޅުންނަށް މަންފާއެއް ލިބޭތޯ ބެލުން ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.

މިފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލައްވަމުން ޝުޖާއު ވިދާޅުވީ، "ވެރިކަންކޮށްފައި ރައްޔިތުންގެ ފައިސާއިން މުސާރަދީ، އޮފީސް ހިންގަން ރައްޔިތުންގެ ފައިސާ ނަންގަވާ ވެރިންނަށް ތިކަން ހުއްޓަވާލައްވާށޭ!" މިއީ ރައީސް މުޙައްމަދު މުޢިއްޒު ހިންގަވަން ބޭނުންފުޅުވާ މަޝްރޫޢެއް ކަމަށާއި، މިމަޝްރޫޢަކީ ކުރީގެ ވެރިންނަށް މަންފާލިބޭ ގޮތަށް ރައީސް މުޢިއްޒު ހިންގަވަން ބޭނުންފުޅުވާ މަޝްރޫޢެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ޝުޖާއު ވަނީ، މިއީ ދިވެހި ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނޭގޮތަށް ރައީސް މުޢިއްޒު ހިންގަވަން ބޭނުންފުޅުވާ މަޝްރޫޢެއް ކަމަށް ހާމަކުރައްވާފައެވެ.

ފަލަސްޠީނާއި އިޒްރޭލުގެ މައްސަލައާ ގުޅޭގޮތުން ކުރީގެ ރައީސް ޔާމީން ވާހަކަ ދައްކަވާތީ ވެސް ޝުޖާއު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. ޝުޖާއު ވިދާޅުވީ ރައީސް ޔާމީން ފަލަސްޠީނުގެ ހައްޤުގައި "ނުލަފާ ވިސްނުމެއްގަ" ވާހަކަ ދައްކަވާ ކަމަށެވެ. އަދި ރައީސް ޔާމީން ފަލަސްޠީނުގެ ހައްޤުގައި ނުކުރައްވާ މަސައްކަތްތައް، ރައީސް މުޢިއްޒު މިދިޔަ ތިން އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ފަރާތުން ކުރައްވާ، އެކަން ފަލަސްޠީނުގެ ރައްޔިތުންނަށާއި ދުނިޔެއަށް ސާބިތުކޮށްދެއްވާފައިވާކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު