މަރްޔަމް ނަހްދާ ވަޙީދު   31 އޯގަސްޓު 2026 - 13:39
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ މާރުކުރަން ޖެހުނު ނަމަވެސް، ރިސޯޓުތަކުގެ މުވައްޒަފުންނަށް މުސާރަ ދޭންވާނީ ޑޮލަރުން ކަމަށާއި އެކަން ހުއްޓާލައިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި މުހިންމު ހަތް ބިލެއް ތަސްދީގުކުރެއްވުމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަން މަޖުބޫރުވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ރިސޯޓުތަކަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި މި ބަދަލާއެކު ވެސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމުގެ ގާބިލުކަން ރިސޯޓުތަކުގައި ހުންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މި ބަދަލު ގާނޫނަށް ގެނެސްފައިވަނީ ކުއްލިއަކަށް، ހަމަ ތިބެފައި ނޫން ކަމަށާއި، މިއީ ފަންނީ ގާބިލު ބޭފުޅުން މެދުވެރިކޮށް ހިސާބުކިތާބުތައް ވަރަށް ފުރިހަމައަށް ދިރާސާކުރުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ. އެގޮތުން، ރިސޯޓުތައް ހެދުމަށް ނަގާފައިވާ ލޯނުތައް ދެއްކުމަށާއި، މުވައްޒަފުންގެ މުސާރަތައް ދިނުމުގެ އިތުރުން ރިސޯޓުތަކުގެ އެހެނިހެން ހިންގުމުގެ ހަރަދުތަކަށް (އޮޕަރޭޝަނަލް ކަންކަމަށް) ވެސް މި ބަދަލުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެކަން ހިސާބުތަކުން ސާފުކޮށް ފެންނަން އޮތް ކަމަށް ވިދާޅުވިއެވެ.

"ރިސޯޓުތަކުން 40 އިންސައްތަ މާރުކުރުމަށް އެއްވެސް ދަތިކަމެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރު މާރުކުރުމަށްފަހު ވެސް މުވައްޒަފުންގެ މުސާރަ ދޭންވާނީ ޑޮލަރުން ކަމަށެވެ.

"އެހެންވީމަ ޑޮލަރުން މުސާރަ ލިބޭ އެއްވެސް ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ، ގެންނަން ޖެހޭ ސަބަބެއް ވެސް ނެތް. އެ ފަރާތްތަކަށް ލިބޭ މުސާރަ ދެމުން ދާންވާނެ. އަދި އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ ކަހަލަ ގޮތަކަށް ކަމެއް ކޮށްގެންވާނެ ކަމަށް ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ގާނޫނަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބޭ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެ ފައިސާ ބޭނުންކުރާނީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށާއި، ރާއްޖެއަށް މުދާ އިމްޕޯޓުކުރުމަށާއި، ވިޔަފާރިތަކަށް ބޭނުންވާ ޓީޓީ ހެދުން ފަދަ ކަންކަމަށް ކަމަށްވުމުން، މީގެ ސީދާ ފައިދާ ކުރާނީ އާންމު ރައްޔިތުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ގާނޫނު ތަންފީޒުކުރުމުގައި އެމްއެމްއޭއިން ރިސޯޓު އިންޑަސްޓްރީގެ އިސް ފަރާތްތަކާ ގާތުން މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ރައީސް ވަނީ ގައުމީ މި މުހިންމު ނިންމުމުގައި ރިސޯޓުތަކުން ގާނޫނަށް ފުރިހަމައަށް ތަބާވެ، ގައުމީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިކަމުގައި ފަތުރުވެރިކަމުގެ ސިނާއަތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު