ބޮލީވުޑްގެ މަޤްބޫލު އެކްޓަރު ކުނާލް ކޭމޫ ފުރަތަމަ ފަހަރަށް ޑައިރެކްޓްކޮށް، 2024 ވަނަ އަހަރު ބޮޑު ތަރުޙީބެއް ހޯދި ކޮމެޑީ ފިލްމު "މަޑްގާއޯން އެކްސްޕްރެސް" ގެ ދެވަނަ ބައި އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމުގެ ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފެބުރުއަރީ ނުވަތަ މާރޗް މަހުގެ ތެރޭގައެވެ.

މިޑް-ޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ސީކުއަލްގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ. ފުރަތަމަ ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުރި ކުނާލް ވަނީ މީގެ ދެވަނަ ބައިގެ ސްކްރިޕްޓްވެސް ނިންމައި، މީގެ މަހެއްހާ ދުވަސް ކުރިން ސްކްރީންޕްލޭ ފައިނަލްކޮށްފައެވެ.

ފުރަތަމަ ފިލްމުގައި މައިގަނޑު ރޯލުތައް ކުޅުނު ޕްރަތީކް ގާންދީ، ދިވްޔެންދޫ އަދި އަވިނާޝް ތިވާރީ، މި ފިލްމުގެ ދެވަނަ ބައިންވެސް ފެނިގެންދާނެއެވެ. ޚަބަރުތައް ބުނާގޮތުގައި މި ތިން ތަރިންވެސް ތިބީ އެމީހުންގެ މަޤްބޫލު ކެރެކްޓާތަކަށް އަލުން އެނބުރި އައުމަށް ވަރަށް ބޮޑަށް ކެތްމަދުވެފައެވެ.

"މަޑްގާއޯން އެކްސްޕްރެސް" ގެ ފުރަތަމަ ބައިގައި ފެނިގެންދިޔައީ ކުޑައިރުގެ ތިން ރަޙުމަތްތެރިން ކަމަށްވާ ޕްރަތީކް، އާޔުޝް އަދި ދަނުޝް ގޯއާއަށް ކުރި ދަތުރެއްގެ ތެރެއިން، މަސްތުވާތަކެއްޗާއި ކުށްވެރިންގެ ނުރައްކާތެރި އަދި މަޖާ ހާދިސާތަކެއްގެ ތެރެއަށް ވެއްޓިގެންދާ ގޮތެވެ. ބެލުންތެރިންގެ މެދުގައި މި ފިލްމު ބޮޑު ހިޓަކަށް ވެގެންދިޔައީ މި ތިން އެކްޓަރުންގެ މެދުގައި އޮތް ގުޅުމާއި، ފިލްމުގައި ހިމެނޭ މަޖާ އަދި ޝައުޤުވެރި މަންޒަރުތަކުގެ ސަބަބުންނެވެ.

ކުނާލް ކޭމޫ ރާވާފައިވަނީ ފުރަތަމަ ބައިގައި ދެއްކި ކަންކަން ތަކުރާރު ކުރުމުގެ ބަދަލުގައި، އެ ތިން ރަޙުމަތްތެރިންގެ ދިރިއުޅުމުގެ ތެރެއިން އިތުރު އައު ކަންތައްތަކަކާއި މަޖާ ހާދިސާތަކެއް މި ސީކުއަލްގައި ދައްކުވައިދިނުމަށެވެ. އެގޮތުން މި ފަހަރުވެސް ފިލްމުގެ މައިގަނޑު ބިނާވެފައި އޮންނާނީ މި ތިން ރަޙުމަތްތެރިންގެ އެކުވެރިކަމުގެ މައްޗަށެވެ.

"މަޑްގާއޯން އެކްސްޕްރެސް 2" ގެ ޝޫޓިންގ ފެށުމުގެ ކުރިން، ކުނާލް ކޭމޫގެ އެހެން މުހިންމު ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެއެވެ. އެއީ އޭނާ ޑައިރެކްޓްކޮށް އަދި އެކްޓްވެސް ކޮށްފައިވާ ފިލްމު "ވައިބް" އެވެ. ޕްރީތީ ޒިންޓާ އާއި ސްޕަރޝް ސްރިވަސްތަވާ މުހިންމު ރޯލުތަކުން ފެންނަ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހު 18 ގައެވެ.



ކިޔުންތެރިންގެ ހިޔާލު