ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ އެކި ސަރަހައްދުތަކަށާއި އިގްތިސާދީ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާގެ އަބްހާ، ޚަމީސް މުޝައިތު، ޖީޒާން އަދި ނަޖްރާން ފަދަ ސަރަހައްދުތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަން ފާހަގަކޮށް، މިއީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ސީދާ ގޮތުން އަރައިގަތުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިފަދަ އަމަލުތަކަކީ މުޅި ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި އަމާންކަމަށް އޮތް ނުހަނު ބޮޑު ނުރައްކަލެއް ކަމަށްވެސް ޚާރިޖިއްޔާއިން ފާހަގަ ކޮށްފައިވެއެވެ.

ހަމައެއާއެކު، ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބަޔާންކޮށްފައިވަނީ، މިފަދަ ހިތާމަވެރި އަދި ނާޒުކު ދަނޑިވަޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ދިވެހި އެންމެހައި ރައްޔިތުން ތިބީ ސައުދީ ސަރުކާރާއި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ސާބިތުކަމާއެކުގައި ކަމަށެވެ.

މީގެއިތުރުން، ސައުދީ އަރަބިއްޔާގެ ސިޔާދަތާއި، ސަލާމަތާއި، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަދި އެ ގައުމުގެ ރައްޔިތުންގެ ހިމާޔަތުގައި ސައުދީ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަބަދުވެސް އޮންނާނެކަން ކަށަވަރުކޮށްދޭ ކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސައޫދީގެ އެނާޖީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަދު ހެނދުނު އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި ހަކަތަ އުފައްދާ ބައެއް މަރުކަޒުތަކަށް ހޫތީން ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން އެކި ތަންތަނުގައި އަލިފާން ރޯވެ، ބައެއް މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނު ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް