މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ބައެއް މެންބަރުން-
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ބައެއް މެންބަރުން-
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލި އައު ގަވާއިދާ އެއްގޮތަށް، އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އަލުން ރަޖިސްޓްރީނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށް އެ ކޮމިޝަނުން އަންގައިފިއެވެ.

މީޑިއާ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ ނޫސް މަޖައްލާފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލައި، ޢާންމުކުރި އައު ގަވާއިދާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. މީގެ ކުރިން ރާއްޖޭގައި ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރަމުން އައީ ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން ކަމަށްވިޔަސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނު ވުޖޫދުވެ އެ ކޮމިޝަން އުފެދުމާއެކު، މި ދާއިރާ ރެގިއުލޭޓްކޮށް ދަފްތަރު ބެލެހެއްޓުމުގެ އެންމެހައި ޒިންމާތައް ވަނީ އެ ކޮމިޝަނާ މަތިކޮށްފައެވެ.

މި ޒިންމާގެ ދަށުން ކޮމިޝަނުން ޝާއިޢުކުރި އައު ޤަވާއިދުގައި، ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް މައިގަނޑު ހަތަރު ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ނޫސް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލްއެވެ. އަދި މި ބާވަތްތައް ޕްރިންޓް މީޑިއާގެ އިތުރުން ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވިދާނެ ކަމަށް ކަނޑައަޅާފައިވެއެވެ.

އައު ޤަވާއިދު ބަޔާންކުރާ ގޮތުގައި، މިހާރު ރަޖިސްޓްރީކޮށްގެން ހިންގަމުންދާ އެންމެހައި ނޫސް މަޖައްލާތައް، މި ޤަވާއިދަށް ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީކޮށް، މަޢުލޫމާތުތައް އަދާހަމަކުރަން ޖެހޭނެއެވެ. މި މުއްދަތު އަންނަ އޮކްޓޯބަރު 27 އަށް ހަމަވާނެތީ، މުއްދަތު ހަމަވުމުގެ ކުރިން ރީ-ރަޖިސްޓްރީވުމަށް ކޮމިޝަނުން ވަނީ ނޫސްތަކަށް އިލްތިމާސްކޮށްފައެވެ. އަދި އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ހުއްދަ ބާތިލުވާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

މި ޤަވާއިދުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށްވެސް ނޫސް މަޖައްލާ ހިންގުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް ވަކި މުއައްސަސާއެއްގެ މައުލޫމާތު ހިއްސާކުރުމަށް ނުވަތަ މުވައްޒަފުންނަށް ޚާއްސަކޮށްގެން ނެރޭ ކުދި މަޖައްލާތަކާއި ލިޔުންތައް މި ޤަވާއިދުން ވަނީ އިސްތިސްނާކޮށްފައެވެ.

މީގެ އިތުރުން، އައު އުސޫލުގެ ދަށުން ނޫސް މަޖައްލާ ރަޖިސްޓްރީ ކޮށްދޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އައުކުރަން ހުށަހަޅަންޖެހޭއިރު، އެއްވެސް ނޫސް މަޖައްލާއެއްގައި އެއްޗެއް ޝާއިއުނުކޮށް 12 މަސް ދުވަސް ވެއްޖެނަމަ، އެތަނެއްގެ ރަޖިސްޓްރީ އަމިއްލައަށް ބާތިލުވާނެ ކަމަށްވެސް އައު ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް