ހުޅުމާލޭ ފޭސް 2 ގެ ފްލެޓުތައް-
ހުޅުމާލޭ ފޭސް 2 ގެ ފްލެޓުތައް-
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެޕާޓްމެންޓުތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރުމުގެ އަމަލީ މަސައްކަތް އެ ކޯޕަރޭޝަނުން މިއަދު ފަށައިފިއެވެ.

އެފްޑީސީން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރި މައުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހާއްސަ މަޝްރޫއަކީ އަމާން ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް ފެށި މަސައްކަތެކެވެ. އެގޮތުން ޔުނިޓުތަކުގެ ކުޑަދޮރުތައް މިހާރު ހުޅުވޭ މިންވަރު ބަލައި ފާސްކުރުމަށްފަހު، ދޮރުތައް އެންމެ ބޮޑުވެގެން ހަތަރު އިންޗިއަށް ހުޅުވޭނެހެން ހާއްސަ ސްޓޮޕާ ހަރުކުރުމުގެ އެހީތެރިކަން އެ ކުންފުނިން ދަނީ ދެމުންނެވެ.

ކުރިން ފަސް އިންޗިއަށް ހުޅުވޭ ގޮތަށް ހުރި ދޮރުތަކަށް މި ބަދަލު ގެނައި ނަމަވެސް، އެޕާޓްމެންޓުތަކަށް ވައި ވަދެނިކުމެވޭ މިންވަރަށް (ވެންޓިލޭޝަނަށް) އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށް އެފްޑީސީން މައުލޫމާތު ދެއެވެ. މީގެއިތުރުން، އާބަންކޯ (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ވެސް އެ ކުންފުނިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މީގެކުރިން ވިދާޅުވެފައިވަނީ، "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ އެޕާޓްމެންޓުތައް ފާހަގަކޮށް، އެފަދަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

ފްލެޓުތަކުގެ ކުޑަދޮރުތަކުގެ ސަލާމަތީ ފިޔަވަޅުތައް މިގޮތަށް ވަރުގަދަ ކުރަން ފަށާފައި މިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އުސް އިމާރާތްތަކުން ކުޑަކުދިން ވެއްޓުމުގެ ހިތާމަވެރި ހާދިސާތަކެއް ދާދިފަހުން ހިނގާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިދިޔަ ހަފުތާގައި ސްޓެލްކޯ ޓަވަރުން ދެ އަހަރުގެ ކުޑަކުއްޖަކު ވެއްޓި ނިޔާވެފައިވާއިރު، އޭގެ ކުރީ ދުވަހު އަމާން އުދަރެސް ޓަވަރުން 16 އަހަރުގެ ކުއްޖަކު ވެއްޓި ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް