ވިއްސާރައިގައި އައްޑޫ ފޭދޫގެ ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް، ފޮޓޯ: އެންޑީއެމްޢޭ
ވިއްސާރައިގައި އައްޑޫ ފޭދޫގެ ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް، ފޮޓޯ: އެންޑީއެމްޢޭ
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީ ފޭދޫގައި ފެންބޮޑުވެ، އެ ރަށުގެ 30 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހެނދުނުން ފެށިގެން ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހެމުންދާ ކަމަށެވެ. އެގޮތުން ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި އެކިވަރުގެ ގެއްލުންތައް ލިބިގެން އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ.

ފޭދޫއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ހާމަކުރަމުން އެންޑީއެމްއޭއިން ބުނީ، ޚާއްސަ އެހީއަށް ބޭނުންވާ ދެ މީހުން ހިމެނޭ ގޮތަށް ޖުމްލަ އަށް މީހުން ދިރިއުޅެމުންދިޔަ ގެއަކަށް ފެންވަދެ، އެގޭގައި ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވެފައިވާ ކަމަށެވެ. އަދި އެ އާއިލާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މީގެއިތުރުން، އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމަށްޓަކައި، ކައުންސިލްތަކާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން މެދުކެނޑުމެއްނެތި ދަނީ ހަރަކާތްތެރިވަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ދެކުނުގެ ސަރަހައްދުތަކަށް މިއަދު ހަވީރު 18:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. އެންޑީއެމްއޭއިން ބުނީ ދެކުނުގެ އަތޮޅުތަކުގެ މޫސުމީ ހާލަތާއި، ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް