ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓައި، މުސްތަޤުބަލުގައި ޤައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ޚަޠީބުން ޢަމަލީ ގޮތުން ނަމޫނާ ދައްކައި، ދުލުން ދޭ ނަސޭހަތާއި ޢަމަލީ ސުލޫކު އެއްގޮތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސް ކުރެއްވީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން މި މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު ވަރަށް އާ ބާރެެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ ޤައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންގެ ދައުރަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިސްލާމީ ތާރީޚާއި ދިވެހި ތާރީޚަށް ބެލި ކަމުގައި ވިޔަސް ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން ކަމަށެވެ. މި މޭރުމުން އެމަނިކުފާނު ވަނީ އިސްލާމީ ތާރީޚު ދުށް ޒުވާން ޝަޚްސުންގެ ހަނދާންތައް އާކުރައްވާފައެވެ. މީގެއިތުރުން، ދިވެހި ތާރީޚުގައިވެސް ރާއްޖޭގެ ޢިލްމުވެރީން، ދީނީ ޢިލްމު ހޯއްދެވުމަށްޓަކައި ތުއްޕުޅު އުމުރުގައި ގާތްތިމާގެ މީހުންނާއި ޤައުމު ދޫކުރައްވައި ކުރެއްވި ބުރަ ދަތުރުތަކާއި ވެވަޑައިގެންނެވި ޤުރްބާނީތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޢިލްމަކީ ޙިކްމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ދީނުގެ އަސާސަކީ މަޞްލަޙަތު ކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމްދީން އައިސްފައިވަނީ އިންސާނީ ކަރާމާތް ނަގަހައްޓައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، ސުލްޙަވެރިކަމާއި އަމާންކަން ދަމަހައްޓަން ކަމަށެވެ. އެހެންކަމުން، ޒުވާން ޚަޠީބުން ތިމާގެ ދުލާއި ގަލަން ހިންގުމުގައި ޙިކްމަތްތެރިކަން އިސްކުރުމަށް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ. އަދި މިއަދު ފެންނަ ޒުވާން ޚަޠީބުންނަކީ މާދަމާ ރާއްޖޭގެ ޢިލްމުވެރީންނާއި، ވިސްނުންތެރީންނާއި، ޙިކްމަތްތެރީންގެ އިތުރުން ކުޅަދާނަ ބަސްމޮށުންތެރީންނަށް ވެގެންދިއުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

ޒުވާން ޚަޠީބުންގެ މި ޤައުމީ މަހާސިންތާއަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޚާއްޞަ މަހާސިންތާއެކެވެ. ދީނާ ޤައުމިއްޔަތު ދިރުވައި ނަގަހައްޓަން ޒުވާނުންގެ ދައުރު ފުޅާކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަކަށްވާއިރު، މިހާތަނަށް ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ 5 ބުރެއް ވަނީ ކާމިޔާބުކަމާއެކު ހިންގާފައެވެ.

މި ޕްރޮގްރާމުގެ ދަށުން 700 އަށްވުރެ ގިނަ ޒުވާނުން ބިނާކުރެވިފައިވާއިރު، މީގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައި ހުކުރު ދުވަހު ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި ހުރި ދަތިތަކަށް ވަނީ ބޮޑު ހައްލެއް ލިބިފައެވެ. އަދި މިއީ ކީރިތި ޤުރްއާނުގެ ޢިލްމާއި ހުނަރު ލިބިފައިވާ، ދީނަށް ލޯބިކުރާ ޒުވާނުންނަށް ޝަރުޢީ ދާއިރާއިންނާއި ޢިލްމީ އެކި ދާއިރާތަކުން ކުރިއަށްދިއުމަށް މަގުފަހިވެގެންދިޔަ އަގުހުރި ފުރުޞަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް