ކުރީގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ
ކުރީގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ
ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އައްޔަން ކުރަށްވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މަގާމަށް އައްޔަން ކުރެއްވުމާއެކު ޑރ. މާރިޔާ މިހާރު ވަނީ ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަށް ނުކުންނަވަން ފައްޓަވާފައެވެ.

ކުރީގެ ވަޒީރު މާރިޔާ އަލުން ސަރުކާރުގެ މަޤާމަކަށް އައްޔަނު ކޮށްފައިވާއިރު، މި ސަރުކާރުގައި އެންމެ ފުރަތަމަ އޭނާ އަދާކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމެވެ. އޭގެ ފަހުން އޭނާ އެގްރިކަލްޗާ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ނަމަވެސް މިދިޔަ އެޕްރީލް މަހު އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.

ވަޒިރު ޑރ. މާރިޔާއަށް އަލުން މަޤާމެއް ދެއްވާފައިވާއިރު، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު 10 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޑރ. މާރިޔާގެ އިތުރުން، އެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް އެހެން މިނިސްޓަރުންނަށްވެސް މިހާރު ވަނީ ސަރުކާރުގެ އެކި ދާއިރާތަކުން އިސް މަގާމުތައް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު