ސިނަމާލެ ބްރިޖަށް ދެ ތެޔޮ ބޯޓު އުރުން
ސިނަމާލެ ބްރިޖަށް ދެ ތެޔޮ ބޯޓު އުރުން
މޫސުން ގޯސްވެ، ކޮންޓްރޯލުން ނެއްޓިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ތެޔޮ ބޯޓު ހަ ލައްކައަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށާއި، އެ ހާދިސާއަކީ ގުދުރަތީ ކަމަކަށް ވާތީ އެކަމުގައި އެ އިދާރާގެ އެއްވެސް އިހުމާލެއް ނެތް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

މާލެ ކައިރީގައި އަޅާފައި އޮއްވާ، މޫސުން ގޯސްވެ އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު މި ދެ ބޯޓުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ކަނޑުގަދަވެ، ވައިބާރުވުމުގެ ސަބަބުން ކޮންޓްރޯލުން ނެއްޓިގެން ދިޔަ "ކޭޖީ 1" އަދި "އޭއެލް 1" ނަމަކަށް ކިޔާ މި ދެ ތެޔޮ ޓޭންކަރަކީ، ހުއްދައެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން ހިފަހައްޓާފައިވާތާ އެތައް ދުވަހެއް ވެފައިވާ ދެ އުޅަނދެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލް "ސަން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެވުމުން ކޮންމެ ބޯޓެއް 310،000 ރުފިޔާއިން ޖޫރިމަނާކޮށް، ޖުމްލަ 620،000 ރުފިޔާ ދެއްކުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ މިހާތަނަށް ދައްކާފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި ބޯޓުތައް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ކަމަށް ބުނަނީ ކްލިއަރެންސްގެ ކަންކަމާއި މުދާ އަރުވާ ބޭލުމުގެ ކަންކަން ބަލަހައްޓާތީ ކަމަށާއި، ބޯޓުގެ ސަލާމަތީ ކަންކަމާއި އުޅަނދު ބެލެހެއްޓުމަކީ ކައްޕިއާއި ފަޅުވެރިންގެ ޒިންމާއެއް ކަމަށް ކަސްޓަމްސްއިން ފާހަގަކުރިއެވެ. ހާދިސާ ހިނގި ވަގުތު ކަސްޓަމްސްއިން ވަނީ އެކަން ވަގުތުން ސިފައިންނަށް ރިޕޯޓުކޮށްފައެވެ.

އިންޑިއާގެ 20 ފަޅުވެރިން ތިބި މި ދެ ބޯޓުން މީހުން ސަލާމަތްކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ފުރުވާލައިފައެވެ. އަދި ބާކީ ތިބި މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، އިންސްޕެކްޝަނުން ދެއްކި ގޮތުގައި ބްރިޖުގެ މައިގަނޑު އޮނިގަނޑަށް (ސްޓްރަކްޗަރަށް) އެއްވެސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ކުދިކުދި ކޫރުންތަކެއް އެޅިފައިވާ ކަމަށެވެ. އެ ކަންކަން މަރާމާތުކުރުމުގެ މަސައްކަތް ބްރިޖު ބަލަހައްޓާ ކުންފުނިން ކުރަމުންދާނެއެވެ.

މީގެ އިތުރުން، މި ހާދިސާގެ ސަބަބުން ފަރަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުންދާއިރު، ބްރިޖުގެ ދަށުން އޮޔާ ދިޔަ އެ ދެ ބޯޓު ފަހުން ވަނީ ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު