ދީޕިކާ އާއި ރަންވީރު އަދި އެމީހުންގެ ދަރިފުޅު
ދީޕިކާ އާއި ރަންވީރު އަދި އެމީހުންގެ ދަރިފުޅު
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންގްގެ އާއިލާއަށް ދެވަނަ ކުއްޖަކު އިތުރުވެއްޖެއެވެ.

މި ދެމަފިރިންނަށް ދެވަނަ އަންހެން ދަރިފުޅު ލިބިފައިވަނީ 19 ސެޕްޓެމްބަރު 2026 ގައެވެ. މި އުފާވެރި ޚަބަރު އެ ދެމަފިރިން އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފައިވަނީ ތުއްތު ކުއްޖެއްގެ ފައިތިލައިގެ ނިޝާން ހިމެނޭ ކުރެހުމަކާ އެކުގައެވެ.

ދަރިން ހޯދުމުގެ ކުރިންވެސް، އާއިލާއެއް ބިނާކުރުމަށް ދެކޭ ހުވަފެންތަކާ ބެހޭގޮތުން ދީޕިކާ އާއި ރަންވީރު ވަނީ އެކި ފަހަރު މަތިން ވާހަކަދައްކާފައެވެ. އެގޮތުން، މަސައްކަތުގެ މައިދާނުގައި ކުރިއަށްދަމުންވެސް ދަރިން ހޯދަން ބޭނުންވާ ކަމަށާއި، އަމިއްލަ ދިރިއުޅުމުގައި ކުދިން ބޮޑުވަމުން އަންނަ މަންޒަރު ދެކެން ބޭނުންވާކަމަށް ދީޕިކާ ކުރިން ހާމަކޮށްފައިވެއެވެ.

ބައްޕައަކަށް ވުމުގެ އިހުސާސްތަކާ ބެހޭގޮތުން ރަންވީރު ވެސް ވަނީ ލޯތްބާއެކު ވާހަކަދައްކާފައެވެ. އެގޮތުން 2021 ވަނަ އަހަރު އޭނާ ސަމާސާ ރާގެއްގައި ބުނެފައިވަނީ، ދީޕިކާ ފަދަ ރީތި ކުއްޖަކު ލިބުމަށް އެދޭ ކަމަށެވެ. އަދި ދުއާ އުފަންވުމަށްފަހު ރަންވީރު ވަނީ ދީޕިކާއަކީ ދަރިފުޅަށް ނުހަނު އަޅާލާ، އޯގާތެރި މަންމައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މީގެއިތުރުން، މަޝްހޫރުކަމާއި ކާމިޔާބީގެ ތެރޭގައި އުޅުނު ނަމަވެސް، އަމިއްލަ އާއިލާތަކުން ދަސްވި ރަނގަޅު އާދަކާދަތަކާއި އަޚްލާޤީ ސިފަތައް ދަރިންނަށް ދަސްކޮށްދިނުމަކީ އެ ދެމަފިރިންގެ އެންމެ ބޮޑު އެދުން ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

މި ދެ ތަރިން އެކުގައި ފުރަތަމަ މަސައްކަތްކުރީ "ގޯލިޔޯން ކީ ރާސްލީލާ ރާމް-ލީލާ" ފިލްމުގައެވެ. އަދި ލޯބީގެ ގޮތުން ގުޅި، ނޮވެމްބަރު 2018 ގައި އިޓަލީގެ ލޭކް ކޯމޯގައި ވަނީ ކައިވެނިކޮށްފައެވެ.

ދެވަނަ އަންހެން ދަރިފުޅު ލިބުމާއެކު، ދީޕިކާ އަދި ރަންވީރުގެ އާއިލާ މިހާރު ވަނީ ހަތަރު މެންބަރުންގެ އާއިލާއަކަށް ބަދަލުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު