ޓަމިލް ނާޑޫގެ ސީއެމް ވިޖޭ (ވ) ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ)
ޓަމިލް ނާޑޫގެ ސީއެމް ވިޖޭ (ވ) ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ)
އިންޑިއާގެ ޓެމިލް ނާޑޫގައި ހުންނަ 100 އަހަރުވީ ތާރީޚީ "މަދަނީ މިސްކިތް" ތަޅާލުމަށް ނެރެފައިވާ އަމުރު، އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ވިޖޭގެ ކުއްލި ނިންމެވުމަކުން ބާތިލްކުރައްވައި، އެ މިސްކިތުގެ އެންމެ ގަލެއްގައި ވެސް އަތްލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމުގެ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

މުސްލިމް މީޑިއާ އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓެމިލް ނާޑޫގެ މަދަނީ މިސްކިތަކީ ފައްޅިއެއް ހުރި ބިމެއްގައި ބިނާކޮށްފައިވާ ތަނެއް ކަމަށް ބުނެ، އެ މިސްކިތް ތަޅާލުމަށް ކަމާބެހޭ އިދާރާތަކުން ކުރިން އޮތީ އަމުރެއް ނެރެފައެވެ. މި ނިންމުމާ ގުޅިގެން މުސްލިމުންގެ މެދުގައި ބޮޑު ކަންބޮޑުވުމަކާއި ހިތްހަމަނުޖެހުމެއް އުފެދިފައި ވަނިކޮށް، މި މައްސަލަ ޗީފް މިނިސްޓަރު ވިޖޭގެ ސަމާލުކަމަށް އައުމާއެކު، އޭނާ ވަނީ މިސްކިތް ހިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު އަޅުއްވާފައެވެ.

މި މައްސަލައިގައި ވާހަކަދައްކަވަމުން ޗީފް މިނިސްޓަރު ވިޖޭ ސާބިތުކަމާއެކު ވިދާޅުވީ، އޭނާގެ ޒައާމަތުގައި އެ ސްޓޭޓުގައި ހުރި އެއްވެސް މިސްކިތެއް ތަޅާލުމަކީ ދުވަހަކުވެސް ޖާގަދެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މިސްކިތަށް ގެއްލުމެއް ދިނުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނޯންނާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ހަރުކަށި އިންޒާރެއް ދެއްވާފައެވެ.

ވިޖޭ އިތުރަށް ވިދާޅުވީ، އަޅުކަންކުރާ ހުރިހާ ތަނަކީ ވެސް އިހުތިރާމް ލިބިގެންވާ މުގައްދަސް ތަންތަން ކަމަށާއި، ވަކި ދީނެއްގެ އަޅުކަންކުރާ ތަނަކަށް އަމާޒުކޮށް ގޯނާކުރުމަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ.

މީގެއިތުރުން، މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ޓެމިލް ނާޑޫގައި ހުރި ހުރިހާ ދީނީ ބިނާތަކާއި އަޅުކަންކުރާ ތަންތަން ހިމާޔަތްކުރުމަށް ޚާއްޞަ ގާނޫނެއް ވަރަށް އަވަހަށް އެކުލަވާލައި ތަސްދީގުކުރައްވާނެ ކަމަށް ވެސް ވިޖޭ ވަނީ އިއުލާނު ކުރައްވާފައެވެ.

މަދަނީ މިސްކިތް ތަޅާލަން ނެރުނު އަމުރު ބާތިލްކުރުމާ ގުޅިގެން އެ ސަރަހައްދުގެ މުސްލިމް މުޖުތަމައުއަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާއިރު، މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ ދީނީ ބިނާތައް ހިމާޔަތްކުރުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އެ ގާނޫނު ވުޖޫދަށް އަންނާނެ ދުވަހަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް