ހިޒް ހައިނަސް ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް
ހިޒް ހައިނަސް ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، އަދި ދުބާއީގެ ވެރިޔާ ޞާޙިބް އައްސުމޫވް އައްޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ކޮއްކޯފުޅު، ހިޒް ހައިނަސް ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ދުބާއީގެ ވެރިޔާ ޞާޙިބް އައްސުމޫވް އައްޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، ޝާހީ ޢާއިލާއަށާއި، އަދި ޔޫ.އޭ.އީގެ އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ރައްދުކުރައްވާފައިވެއެވެ.

މީގެއިތުރުން، ޢާންމު ޚިދުމަތާއި، ސަލާމަތީ ކަންކަމާއި، ކުޅިވަރާއި، ޤައުމީ ތަރައްޤީއަށް މަރްޙޫމް ޝައިޚް އަޙްމަދު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ތަޢުރީފުކުރައްވައި، ދުބާއީގެ ކުރިއެރުމާއި ފާގަތިކަމަށް އެމަނިކުފާނު ދިގު މުއްދަތެއްގައި ކޮށްދެއްވި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މަރްޙޫމް ހިޒް ހައިނަސް ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ފުރާނަފުޅަށް މާތްﷲ ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ޖަންނަތުލް ފިރްދައުސްގެ މަތިވެރި ދަރަޖަ މިންވަރުކުރެއްވުން އެދި ދުޢާކުރައްވަމުންނެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، އެމަނިކުފާނުގެ ޢާއިލާއަށާއި، ޔޫ.އޭ.އީގެ ރައްޔިތުންނަށް ކެތްތެރިކަމާއި ތަސައްލީ މިންވަރުކުރެއްވުން އެދިވަޑައިގެންފައިވެއެވެ.

މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް މިފަދައިން ޝުޢޫރު ފާޅުކުރައްވައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް