އިލިމަގު ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށް، ފޮޓޯ: އެމްޓީސީސީ
އިލިމަގު ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށް، ފޮޓޯ: އެމްޓީސީސީ
ހއ. އުލިގަމުގައި އަލަށް އިމާރާތްކުރާ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުރާޅު އެޅުމާއި ސިމެންތި ޖެހުމުގެ މަރުހަލާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

ރާއްޖޭގެ ރަށްރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ހެލްތުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ 14.32 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ އުލިގަމުގެ ރައްޔިތުންނަށް ލިބޭ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމެވެ.

މި މަޝްރޫއުގެ ދަށުން އުލިގަމު ސިއްހީ މަރުކަޒުގައި 5 އެނދުގެ ޖާގަ ހިމެނޭ ޒަމާނީ އައު އެކްސްޓެންޝަން އިމާރާތެއް ގާއިމުކުރެވިގެންދާނެއެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ގާސިމެވެ.

މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލު ހާމަކުރަމުން އެމްޓީސީސީން ބުނީ، އިމާރާތުގެ ގްރައުންޑް ފްލޯގެ ކޮންކްރީޓް ސްލެބް އެޅުމުގެ މަސައްކަތާއި ރޫފިންގ ބީމް ކޮންކްރީޓް ކުރުމުގެ މަރުހަލާ މިހާރު މުޅިން ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި މިވަގުތު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ފުރާޅުގެ ސްޓްރަކްޗަރ މަސައްކަތްތަކާއި، އިމާރާތުގެ އެތެރެއާއި ބޭރު ފާރުތަކުގައި ސިމެންތި ޖެހުމުގެ މުހިންމު މަސައްކަތްތަކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށްގެންދާއިރު، އުލިގަމު ސިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން އެ ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ޖާގައިގައި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބިގެންދާނެ ކަމަށއ ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް