ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު
ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ކައިރި މުސްތަޤްބަލެއްގައި އިތުރު 300 ޖާގަ ނުއުފެއްދިއްޖެނަމަ ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ދޫނިދޫ ޖަލާއި މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ގެއްލުނު ޖާގަތަކަށް އެކަށީގެންވާ ހައްލެއް ނުލިބެނީސް، އަލަށް 520 އަށްވުރެ ގިނަ މީހުން ޖަލުތަކަށް ބަންދުކުރަން ޖެހުނު ކަމަށެވެ. މީގެ ސަބަބުން ޖާގައިގެ ދަތިކަން ބޮޑުވެ، ޤާނޫނުގައި ބަޔާންކުރާ ރޭޝިއޯއަށްވުރެ އޮފިސަރުންގެ އަދަދު މަދުވެ، މިހާރު ތިބި އޮފިސަރުންނަށް މަސައްކަތުގެ ބުރަ އިންތިހާއަށް ބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ދަތިތަކަށް ހައްލު ހޯދުމަށްޓަކައި މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރެވެމުންދާކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، އަލަށް ދަސްވެނިވި 10 އޮފިސަރުންގެ އިތުރުންވެސް، މާފުށީ ޖަލުގައި އިތުރު އޮފިސަރުންތަކެއް މިހާރުވެސް ތަމްރީނު ފުރިހަމަކުރަމުންދާ ކަމަށެވެ. އަދި އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމަށް އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، 200 އެއްހާ އޮފިސަރުންނާއި މުވައްޒަފުން މިހާރުވެސް ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގައި ތަޢުލީމު ހާސިލުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކަރެކްޝަންސްގެ 55 އަހަރުވީ ޚިދުމަތުގައި އެދެވޭ ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، މަސައްކަތްތައް އަދިވެސް އެންމެ އެދެވޭ މިންވަރަށް ޒަމާނީ ކުރެވިފައިނުވާކަން ސީޕީ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ސިފައިންނާއި ފުލުހުން ފަދައިން ޤައުމީ ޚިދުމަތުގައި ފުރާނައިން ޤުރުބާންވުމުގެ އަޒުމުގައި ޕްރިޒަން އޮފިސަރުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޒަމާނީ ވަސީލަތްތައް މަދު ނަމަވެސް، ޖަލުތަކަށް ވެއްދުން މަނާތަކެތި ހުއްޓުވުމަށާއި، މަސައްކަތުގެ މައިދާނުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް އޮފިސަރުންނަށް ނަސޭހަތްތެރިވެލެއްވިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންފަރެންސް ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙުއެވެ. މި ރަސްމިއްޔާތުގައި ދަސްވެނިވި 10 އޮފިސަރުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އިސްމާޢީލް ޝަފީޢުއެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ކޮންޓްރޯލަރ ޖެނެރަލް އަޙްމަދު ފަސީޙު ދެއްކެވި ވާހަކަފުޅުގައި، ކަރެކްޝަންސްގެ އޮފިސަރުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ދަސްވެނިންނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ޤައުމީ ވާޖިބު އަދާކުރުމުގައި އިޚްލާޞްތެރިކަމާއި ތެދުވެރިކަން އިސްކުރުމަށާއި، ބަންދުގައި ތިބޭ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދިނުމަށް އޮފިސަރުންނަށް އިލްތިމާސްކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ކަރެކްޝަންސް ސަރވިސްގެ އިސްވެރިންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ދަސްވެނިވި އޮފިސަރުންގެ ޢާއިލާތަކުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު