ފަޒުލީން މުޙައްމަދު (39އ) އާއި ޢަޒުލިފު މުޙައްމަދު (30އ)
ފަޒުލީން މުޙައްމަދު (39އ) އާއި ޢަޒުލިފު މުޙައްމަދު (30އ)
ގދ. ތިނަދޫ ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި އެތެރެކުރުން ހުއްޓުވުމަށް މި އަހަރުގެ ޖުލައި މަހުން ފެށިގެން ފުލުހުން ކުރިއަށްދިޔަ މަސައްކަތްތަކުގެ ތެރެއިން ހިންގި ހަރަކާތެކެވެ.

މި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހަރަކާތްތެރިވެފައިވަނީ އަޕަރ ސައުތު ޕޮލިސްގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ތިނަދޫ ޕޮލިސްގެ އިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

ކޯޓު އަމުރެއްގެ ދަށުން ތިނަދޫގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ހުދުރުވާގެ، ފަޒުލީން މުޙައްމަދު (39އ) އާއި އެ ގޭ ޢަޒުލިފު މުޙައްމަދު (30އ) އެވެ. ފުލުހުން ބުނި ގޮތުގައި މި ދެ މީހުންނަކީވެސް މަސްތުވާތަކެތީގެ މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަޒުލީން މުޙައްމަދު 70 ދުވަހަށް އަދި ޢަޒުލިފު މުޙައްމަދު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ތިނަދޫ ޕޮލިހާއި ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު