"މަޖުނޫން" ގެ ޓްރެއިލާ އާއި ލަވަ ރިލީޒްކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން، ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް
"މަޖުނޫން" ގެ ޓްރެއިލާ އާއި ލަވަ ރިލީޒްކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން، ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް
ދިވެހި ސިނަމާގައި ނަންވިދާ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އައު ފިލްމު "މަޖުނޫން"ގެ ޓްރެއިލާ އާންމުކުރުމާއެކު، ބެލުންތެރިންގެ މެދުގައި ފިލްމަށް އޮތް ޝައުގުވެރިކަން އިންތިހާއަށް އުފުލި، ޓިކެޓު ބުކިން މެކުހަށް ޖަހައިފިއެވެ.

ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރިލީޒްކުރި މި ޓްރެއިލާ ފެށިގެން ދަނީ ފިލްމުގެ ލީޑު އެކްޓަރު އަހްމަދު ޝާރިފްގެ ހިތްދަތި، އަސަރުން ފުރިގެންވާ އަޑުންނެވެ.

"މަޖުބޫރު ހިތުގެ ޚިޔާލުގާ، 'މަޖުނޫނު' ފަދައިން ވޭނުގާ، މަހުބޫބް ދެއްވި އަޒާބުގާ، މަރުނޫން އެހެން އަސަރެއް ނެތޭ."

މި އަސަރުގަދަ ބައިތާއެކު ދައްކައިލި ޓްރެއިލާއިން ފެނިގެންދަނީ ލޯބީގެ ރަހަތަކާއި، ހިތްފަޅައިގެންދާ ފަދަ ހިތާމަވެރި އަދި އެހާމެ ވަރުގަދަ ޖަޒުބާތީ މަންޒަރުތަކެކެވެ. ކޮންމެ މަންޒަރަކުންވެސް ބެލުންތެރިންގެ ގައިން ހީބިހި ނަގުވައިލާ ފަދަ ފުރިހަމަކަމެއް ގެނެސްދީފައިވާއިރު، މުޅި ޓްރެއިލާ ބަލައިލުމުންވެސް ހިތަށް ބޮޑު އަސަރެއް ކުރުވައެވެ.



މި ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނަހުލާ (ނަހޫ) ބުނީ، ޓްރެއިލާއަށް އާންމުންގެ ފަރާތުން ލިބެމުންދަނީ ހީވެސް ނުކުރާ ފަދަ ބޮޑު ތަރުހީބެއް ކަމަށާއި، މިކަމާ މެދު އޭނާ ނުހަނު އުފާވާ ކަމަށެވެ.

ނަހުލާގެ އިރުޝާދުގެ ދަށުން، ޑައިރެކްޓަރު މުޙައްމަދު ފައިސަލް ކޮށްފައިވާ މޮޅު މަސައްކަތުން، މި ފިލްމުގައި ހިމެނޭ ތަރިންގެ ފަރާތުން ފެންނަނީ އެކްޓިންގެ މުޅިން ތަފާތު "އެހެން ލެވެލް" އެކެވެ. ޓްރެއިލާއިން ދައްކައިދޭ އެކި ކަހަލަ ޖަޒުބާތުތައް ތަރިން ކުޅެދީފައިވަނީ އިންތިހާއަށް ހުނަރުވެރިކަމާއި ފުރިހަމަކަމާއެކުގައެވެ.

ރޭގެ އިވެންޓުގައި ފިލްމުގެ ޓްރެއިލާގެ އިތުރުން ފިލްމުގައި ހިމެނޭ ލަވަތައްވެސް ވަނީ ރިލީޒްކޮށްފައެވެ. އަޑުއަހާލަން ފަސޭހަ، އެހާމެ ހިތްގައިމު އަދި އަސަރުގަދަ ރާގުތަކަކަށް ހަދާފައިވާ މި ލަވަތަކަށްވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މިއަދު ހެނދުނު 10:00 އިން ފެށިގެން "މަޖުނޫން"ގެ ޓިކެޓު ބުކިން ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ. ބުކިން ފެށުމާއެކު، ވަރަށް ބާރު ސްޕީޑެއްގައި ޓިކެޓުތައް ބުކްވަމުން އަންނަ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ. ފިލްމުގެ ޓިކެޓު ބުކްކުރަން ބޭނުންވާ ފަރާތްތަކުން 7844422 ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ސީޓު ކަށަވަރު ކުރެވޭނެއެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓް އިން އަސަރުގަދަ ލޯބީގެ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޯބަރު 2026 ގައެވެ.



ކިޔުންތެރިންގެ ހިޔާލު