މަޖުނޫންގެ ޓްރެއިލާ އާއި ލަވަތައް ރިލީޒްކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން
މަޖުނޫންގެ ޓްރެއިލާ އާއި ލަވަތައް ރިލީޒްކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން
މިއަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ، ޕްރޮޑިއުސަރ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ "މަޖުނޫން" ގެ ހިތްގައިމު ލަވަތައް އެޕަލް މިއުޒިކް، ސްޕޮޓިފައި އަދި އެމެޒަން މިއުޒިކް ފަދަ މަގުބޫލު ޑިޖިޓަލް ޕްލެޓްފޯމްތަކުން ސްޓްރީމް ކުރެވޭގޮތް ހަދައިފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ހާއްސަ އިވެންޓެއްގައި މި ފިލްމުގެ ރަސްމީ ޓްރެއިލާއާ އެކު ލަވަތައް ވަނީ ރިލީޒްކޮށްފައެވެ. ލަވަތައް އާންމުންނަށް ދޫކޮށްލުމާއެކު، ގިނަ ބައެއްގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް މިހާރު ދަނީ ލިބެމުންނެވެ. ޚާއްސަކޮށް ފިލްމުގެ އަސަރުގަދަ ލަވަތަކުގެ ޓްރެކްތައް ޓިކްޓޮކްގައި ވައިރަލްވެ، ގިނަ ބަޔަކު ދަނީ ބޭނުންކުރަމުންނެވެ. ޖަޒުބާތުން ފުރިފައިވާ މި ލަވަތަކަކީ އަޑުއަހާލަން ފަސޭހަ، ހިތުގެ ހިމަ ނާރުތަކާ ކުޅެލާފަދަ އަސަރުގަދަ މިއުޒިކީ އުފެއްދުންތަކެކެވެ.



ކްރިސްޓަލް އެންޓަޓެއިންމެންޓް އިން ގެނެސްދޭ "މަޖުނޫން" އަކީ އަސަރުގަދަ ލޯބީގެ ފުން ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ދިވެހި ސިނަމާގައި ފާހަގަކޮށްލެވޭ ހުނަރުވެރި ދެ ތަރިން ކަމަށްވާ އަހްމަދު ޝާރިފް އަދި މަރިޔަމް ޝިފާއެވެ. މީގެ އިތުރުން ފިލްމުގެ މުހިންމު އެހެނިހެން ރޯލުތަކުން ވާޝިޔާ މުހައްމަދު، އަހްމަދު އީސަ (އާނަންދު)، ސާމީ ހުސައިން ދީދީ، މުހައްމަދު މަނިކު، ލާލީ އަދި އެވްލީ ވެސް ފެނިގެންދާނެއެވެ.

މި ފިލްމު ބަލާލުމަށް ކެތްމަދުވެފައި ތިބި ފަރާތްތަކަށް މިހާރު ވަނީ ޓިކެޓު ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން "މަޖުނޫން" ގެ ޓިކެޓު ބުކިން ވަނީ ރަސްމީކޮށް ފަށާފައެވެ.

ބުކިން ހުޅުވާލުމާއެކު، ވަރަށް ބާރު ސްޕީޑެއްގައި ޓިކެޓުތައް ބުކްވަމުން އަންނަ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ. ފިލްމުގެ ޓިކެޓު ބުކްކުރަން ބޭނުންވާ ފަރާތްތަކުން 7844422 ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ސީޓު ކަށަވަރު ކުރެވޭނެ އެވެ.

މި ފިލްމު ސިނަމާތަކަށް ގެނައުމަށް ތައްޔާރުވަމުންދާއިރު، ފިލްމު ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ 26 އޮކްޓޯބަރު 2026 ގައެވެ.



ކިޔުންތެރިންގެ ހިޔާލު