ހުކުރު ޚުތުބާ އިއްވަނީ
ހުކުރު ޚުތުބާ އިއްވަނީ
ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމާއި ކާމިޔާބީގެ އަސާސަކީ ޞައްޙަ އިސްލާމީ ޢަޤީދާ ކަމަށާއި، ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ އެ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢަށެވެ.

ޚުޠުބާގައި ފާހަގަ ކޮށްފައިވަނީ، މާތް ﷲ އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތް ކަމަށެވެ. މި ޒަމާނުގައި މާއްދީ ގޮތުން ދުނިޔެ ތަރައްޤީވެ ފަސޭހަތައް ގިނަވި ނަމަވެސް، މީސްތަކުންގެ މެދުގައި ނުތަނަވަސްކަމާއި އެކަނިވެރިކަން އިތުރުވަމުންދާކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ، ޙަޤީޤީ އުފާވެރިކަން ލިބެން އޮތީ ޝިރުކުން އެއްކިބާވެ، ސާފު އީމާންކަމުގެ މަތީގައި ދެމިތިބެގެން ކަމަށެވެ.

މީގެ އިތުރުން، އެންމެހައި ނަބިއްޔުންނާއި ރަސޫލުން ފޮނުއްވުމުގެ އެންމެ މުހިންމު މަޤްޞަދަކީ ވެސް ﷲގެ އެއްކައުވަންތަކަމަށް ގޮވައިލައްވައި، ޢަޤީދާގެ ބިންގާ ވަރުގަދަކުރެއްވުން ކަމަށް ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، ދުނިޔެވީ އިމްތިޙާނުތަކާއި ތަކުލީފުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ހިނދު، ކީރިތި ރަސޫލާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްކެވި ކެތްތެރިކަމުގެ ނަމޫނާއިން ޢިބުރަތް ޙާޞިލުކުރުމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ. އަދި ބޭރުފުށުގެ ޒީނަތްތެރިކަމަށް ވުރެ ބޮޑަށް، އިންސާނާގެ އެތެރެފުށް އިޞްލާޙުކޮށް، ﷲއާ އޮންނަ ގުޅުން ވަރުގަދަކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ކަންކަން ފަހިވެގެންދާނެ ސަބަބެއް ކަމުގައި ސަލަފުއްޞާލިޙުންގެ ބަސްފުޅުތަކުން ދަލީލު ދައްކާފައިވެއެވެ.

އޭގެއިތުރުން ފޯނުގެ ބެޓެރި ދަށްވުމުން ޗާޖުކުރަން އަވަސްވެގަންނަ ފަދައިން، އީމާންކަމުގެ ނިޢުމަތް ބީވެގެން ހިނގައިދާނެ ކަމަށް ވިސްނައި، އެކަމަށް ރައްކާތެރިވުމުގެ މުހިންމުކަން ވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ. ޤިޔާމަތް ދުވަހު މަންފާއެއް ކުރާނީ މުދަލާއި ދަރިންގެ ސަބަބުން ނޫން ކަމަށާއި، ހަމައެކަނި ސަލާމަތްވެގެންވާ ހިތަކާއިގެން ﷲގެ ޙަޟުރަތަށް ދިޔަ މީހަކަށް ކަމަށް މާތް ﷲ ވަޙީކުރައްވާފައިވާކަން ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ.

ޚުޠުބާ ނިންމާލަމުން، އިސްލާމީ ޢަޤީދާއަކީ ހަމައެކަނި މައިންބަފައިންގެ ފަރާތުން ވާރުތަވާ އެއްޗެއްގެ ގޮތުގައި ދޫކޮށްނުލައި، ދީނާ ދުރު ފިކުރުތަކުން ރައްކާތެރިވުމަށް ޓަކައި ޞައްޙަ ޢަޤީދާ އުނގެނުމަށް ގޮވާލާފައިވެއެވެ. އަދި މި މަތިވެރި އަމާނާތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށާއި، ޞަޙާބީން ފަދައިން ޢަޤީދާއާއި އީމާންކަން ވަރުގަދަކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު