ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު
ރަސްމާލެ މަޝްރޫޢަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބިޔަ މަޝްރޫޢު ކަމަށާއި، އެ މަޝްރޫޢުން ރައްޔިތުންނަށް ލިބޭނެ ކުރިއެރުމާއި ފާގަތިކަން ކަށަވަރުވާތީ ބަޔަކު ލޮލަށް ނިދިނައިސްގެން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ފަލާޙު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީ އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގުޅިގެން ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ފަލާޙު ވިދާޅުވީ ކުރިން ބޭކާރު އިސްރާފު ކުނިގަނޑެއްގެ ގޮތުގައި އޮތް ތަނެއް، މިއަދު ރަންގަނޑެއްގެ ސިފާގައި ފެނުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި ތަސައްވުރުގެ ފުރިހަމަކަން އެމްޑީޕީއަށާއި ރައީސް ޔާމީނަށް މިހާރު ސާފުވާނެ ކަމަށެވެ. އަދި ކިތަންމެ ބޮޑު ދޮގެއް ފެތުރި ނަމަވެސް، މިއަދު ރައްޔިތުން އެފަދަ ދޮގުތަކުގައި ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ޤައުމަށް މިވަރުގެ ނިކަމެތިކަމެއް ދޭން އެމްޑީޕީއާއި ރައީސް ޔާމީން މަސައްކަތް ނުކުރެއްވުމަށް ގޮވާލައްވަމުން ފަލާޙު ފާހަގަކުރެއްވީ، ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން ބުހުތާނު ދޮގުތަކެއްގެ މައްޗަށް އެކުލެވޭ ކުއްލި މައްސަލައެއް މަޖިލީހަށް އެމްޑީޕީން ހުށަހެޅީ ޕީއެންސީ ޕީޖީ ގްރޫޕުން އެ މައްސަލަ ބޭރުކޮށްލާނެ ކަމަށް ބަލައިގެން ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެން މިތިބީ ކެއްމަދުވެފަ އެމްޑީޕީއާއި ޔާމީނު މިމަޝްރޫޢުއާއި ގުޅުވާ ފަތުރާ ބުހުތާން ދޮގުވާހަކަތައް ރައްޔިތުންނަށް ސާފުކޮށްދޭން،" ފަލާޙު ވިދާޅުވިއެވެ.

ފަލާޙުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު މަޝްރޫޢު ކަމަށާއި، މި ޤައުމަށާއި ރައްޔިތުންނަށް ހީވެސްނުކުރާ ވަރުގެ ކުރިއެރުމާއި، ތަނަވަސްކަން އަދި އުފާފާގަތިކަން މި މަޝްރޫޢުގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ލޮލަށް ނިދިނައިސްގެން އުޅެނީ އެކަން ކަށަވަރުވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު