ބޮލީވުޑް އެކްޓަރު ރާޖްޕާލް
ބޮލީވުޑް އެކްޓަރު ރާޖްޕާލް
އިންޑިއާގެ މަޝްހޫރު ބޮލީވުޑް އެކްޓަރު ރާޖްޕާލް މައްޗަށް ދައުވާކުރާ ޗެކް ބައުންސްވި މައްސަލައަކާ ގުޅިގެން، އޮކްޓޯބަރު 13 ގެ ކުރިން 2 ކްރޯޑް އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 820,000 ދިރުހަމް) ކޯޓަށް ދެއްކުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ހާމަކުރި ގޮތުގައި، ދިއްލީ ހައިކޯޓުގެ އަމުރާ ދެކޮޅަށް ރާޖްޕާލް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލަ ކުރިއަށް ގެންދެވޭނީ މި ފައިސާ ފުރިހަމައަށް ދެއްކުމުންނެވެ. އަދި ކޯޓުގެ އަޑުއެހުމުގައި އޭނާގެ އަމަލުތައް ހުރިގޮތުން ކޯޓުން ވަނީ ނުރުހުން ފާޅުކޮށް، އޭނާގެ ހުކުމް ބޮޑުކުރެވިދާނެކަމުގެ އިންޒާރުވެސް ދީފައެވެ.

މި މައްސަލައަކީ 2012 ވަނަ އަހަރު ރާޖްޕާލް ޑައިރެކްޓްކޮށް ނެރުނު ފިލްމު އަށް ފަންޑުކުރުމަށްޓަކައި 2010 ވަނަ އަހަރު "މުރްލީ ޕްރޮޖެކްޓްސް" ނަމަކަށް ކިޔާ ކުންފުންޏަކުން ނެގި 5 ކްރޯޑް ރުޕީސްގެ މައްސަލައެކެވެ.

އެ ކުންފުނިން ތުހުމަތުކުރާ ގޮތުގައި 2013 ގައި ފައިސާ ދެއްކުމަށް ރާޖްޕާލް ދިން 7 ޗެކްވެސް ވަނީ ބައުންސްވެފައެވެ. މި މައްސަލައިގައި ދިއްލީ ހައިކޯޓުން ވަނީ ރާޖްޕާލްގެ މައްޗަށް ކުށް ސާބިތުވެ، 3 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ސުޕްރީމް ކޯޓަށް އޭނާ މައްސަލަ ހުށަހެޅީ އެ ހުކުމް އިސްތިއުނާފު ކުރުމަށެވެ.

އަޑުއެހުމަށް އަމިއްލައަށް ހާޒިރުވެ ރާޖްޕާލް ވަނީ 1.15 ކްރޯޑް ރުޕީސްގެ ޑިމާންޑް ޑްރާފްޓެއް ކޯޓަށް ހުށަހަޅާފައެވެ. އަދި ބާކީ 85 ލައްކަ ރުޕީސް އޮކްޓޯބަރު 13 ގެ ކުރިން، އޭނާގެ މިލްކިއްޔާތުގައިވާ ގޭގެއެއް ވިއްކާލައިގެން ދައްކާނެކަމަށް އޭނާގެ ގާނޫނީ ވަކީލު ވަނީ ކޯޓުގައި ބުނެފައެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ވަނީ ރާޖްޕާލްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުކޮށް، ކޯޓުގައި "ޑްރާމާ" ނުކުޅުމަށް އިންޒާރު ދެއްވާފައެވެ.

އަޑުއެހުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން ރާޖްޕާލް ބުނީ ފިލްމު ހެދުމަށްޓަކައި ނަގަނީ ލޯނެއް ނޫން ކަމަށާއި، އެއީ އިންވެސްޓްމަންޓެއް ނުވަތަ ޕެކޭޖް ޑީލެއް ކަމަށެވެ. އަދި ޝަރުއީ ނިޒާމަށާއި ސުޕްރީމް ކޯޓަށް ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި، ކޯޓުން ނިންމާ ކޮންމެ ނިންމުމަކަށް ބޯލަނބާނެ ކަމަށްވެސް އޭނާ ހާމަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު