ކޭވްގައި މަރުވި އިޓަލީ ޑައިވަރުން
ކޭވްގައި މަރުވި އިޓަލީ ޑައިވަރުން
ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވްކުރަން އުޅުމުގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާގައި، އެ އެންމެން ވެސް މަރުވާން މެދުވެރިވި ސަބަބަކީ އޮކްސިޖަން ހުސްވުން ކަމަށް، މި މައްސަލަ ބަލާ މާހިރުންގެ ޓީމުގެ ތަހުގީގު ރިޕޯޓުން ހާމަވެއްޖެއެވެ.

މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އިޓަލީގެ ޖެނޯއާ ޔުނިވަރސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (23އ) ގެ އިތުރުން ރިސާޗަރުން ކަމަށްވާ މުރިއެލް އޮޑެނީނޯ (31އ)، ފެޑެރިކޯ ގުއަލްޓިއޭރީ (30އ) އަދި ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ (44އ) އެވެ. އަދި މި ޑައިވަރުންގެ ހަށިތައް ހޯދުމަށް ދިވެހި ސިފައިން ހިންގި ނުރައްކާތެރި ރެސްކިއު އޮޕަރޭޝަނުގައި، ސިފައިންގެ ޑައިވަރެއް ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ޝަހީދުވެފައެވެ.

އިޓަލީގެ ޕްރޮސެކިއުޓަރުން ކުރިއަށްގެންދާ މި ތަހުގީގަށް މާހިރުން ހުށަހެޅި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، މެއި މަހުގެ 25 އަދި 26 ވަނަ ދުވަހު އިޓަލީގެ ގަލަރާޓޭ ހޮސްޕިޓަލުގައި ހެދި ޕޯސްޓްމޯޓަމް ތަހުލީލުތަކުން ދައްކާ ގޮތުގައި، ޑައިވަރުން މަރުވެފައިވަނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ކަމަށެވެ. އެގައުމުގެ ނިއުސް އެޖެންސީ "ލަޕްރެސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މީހުން މަރުވީ އޮކްސިޖަން ފުޅިތައް ހުސްވިއިރު ވެސް އަނބުރާ މައްޗަށް އެރޭނެ ގޮތެއް ނުވެގެންނެވެ.

މީގެއިތުރުން، އެ މީހުންގެ ހަށިގަނޑުން އެއްވެސް ވިހަ މާއްދާއެއްގެ އަސަރު ފެނިފައިނުވާ ކަމަށާއި، މިޔަރެއްގެ ހަމަލާއެއް ނުވަތަ ޖިސްމާނީ އެހެން ބޮޑު އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ވެސް ޓޮކްސިކޮލޮޖީ އަދި ޕޯސްޓްމޯޓަމް ރިޕޯޓުތަކާ ހަވާލާދީ ވަނީ ބުނެފައެވެ.

އޮކްސިޖަން ހުސްވެގެން ޑައިވަރުން މަރުވިކަން ކަށަވަރުވި ނަމަވެސް، ފުޅިތަކުން ގޭސް ހުސްވިއިރު ވެސް އެ މީހުންނަށް ކަނޑުގެ ލޮނުގަނޑުން މައްޗަށް ނޭރުނު ސަބަބެއް އަދިވެސް މުޅިން ސާފެއް ނުވެއެވެ. ނަމަވެސް އިޓަލީގެ ނޫސްތަކުން ބުނާ ގޮތުގައި، ތަހުގީގީ އިދާރާތަކުން ބުރަވަނީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރޭގައި އެ މީހުންނަށް މަގުއޮޅުނީ ކަމަށެވެ. އެހެންކަމުން އެ ހާދިސާ ހިނގައިދިޔަ ސީދާ ތަރުތީބު ދެނެގަތުމަށް އިތުރު ދިރާސާތައް އަންނަނީ ކުރަމުންނެވެ.

މި ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް އެންމެ ފުރަތަމަ އެމްއެންޑީއެފުން ފެށި ނަމަވެސް، ފަހުން އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިޓަލީގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ހާއްސަ ތަޖުރިބާކާރުންގެ ޓީމަކާ ގުޅިގެންނެވެ. އަދި ބައިނަލްއަގުވާމީ ސަމާލުކަން ލިބުނު މި އޮޕަރޭޝަނުގައި އެ މީހުންގެ ހަށިތައް ފެނިފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.

މި ނުރައްކާތެރި އޮޕަރޭޝަނުގައި ދިވެހި ފުލުހުންނާއި ސިފައިން ދެއްކި ހިތްވަރާއި ގައުމީ ހިދުމަތުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އޮޕަރޭޝަނުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވާފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރާއްޖޭގެ ކަނޑުއަޑީގެ ހޮހަޅަތަކަށް ޑައިވްކުރުމުގައި އަމަލުކުރަންޖެހޭ ސަލާމަތީ އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ. އަދި މިފަދަ ނުރައްކާތެރި ތަންތަނަށް ޑައިވްކުރާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތައް މުރާޖައާކުރުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް