ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް| ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް| ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ޙައްޖުގެ ކޯޓާގެ ޢަދަދަށް ބަލާއިރު، ޙައްޖު ކިއުގައި ދޮށީ ޢުމުރުގެ ގިނަ އަދަދެއްގެ ބޭފުޅުން ތިބުމާއެކު، އަދި ޙައްޖަށް ދިއުމަށް ފައިސާ ދައްކައި، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި، ޙައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތުމާއެކު، ވީހާވެސް ގިނަ ދޮށީ ޢުމުރުގެ ބޭފުޅުންނަށް ފަރުޟު ޙައްޖު އަދާކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަށެވެ.

މިކަމުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އުޞޫލު ތަންފީޒުކުރާނީ، މައުޟޫޢީ ގޮތެއްގައި ޢުމުރުށާއި ކިއޫއިން ޖާގަލިބުނު ތާރީޚަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުޞޫލަކުން ތަފާތުކުރުމެއްނެތި މައުޟޫޢީ ގޮތެއްގައި ތަންފީޒުކުރާނެ އުޞޫލެއްކަންވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުޞަތު ލިބި، ޙައްޖު ކިއުގައި ތިބި ޢުމުރުން ދުވަސްވީ މީހުންގެ ޢަދަދު މަދުވެގެން ދާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. މިއާއެކު، ކުރިއަށް އޮތް ތަނުގައި ޙައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން ޢުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް ސަރުކާރުން ފާހަގަ ކޮށްފައިވެއެވެ.

އިތުރަށް ތަފްސީލު ދެމުން ސަރުކާރުން ބުނެފައިވަނީ މި އުސޫލުގެ ދަށުން ޙައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތައް ކަމަށެވެ. އަދި 70 އަހަރުން މަތީގެ ޢުމުރުފުރާ ކަމުގައި ބަލާނީ، 31 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ.

އެގޮތުން 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ޙައްޖުން ފުރުޞަތު ލިބިދެވޭނެއެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުންނަށް ފުރުޞަތު ލިބިދެވޭނެއެވެ.

މި އުޞޫލު ތަންފީޒުކުރުމާއެކު، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނެހެން، 65 އަހަރުން މަތީގެ ފަރާތްތަކަށްވެސް މި އަހަރުގެ ކިޔޫގައި އިސްކަންދޭނެއެވެ. އެހެންކަމުން މި އުޞޫލު ތަންފީޒުކުރި ނަމަވެސް، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 މީހުންނަށް ޙައްޖަށް ދިއުމުގައި ލަސްވުމެއް ކުރިމައްޗެއް ނުވާނެއެވެ.

އަދި އެފަދަ ފަރާތްތަކުން އެކުގައި ދިއުމަށް ފައިސާ ދައްކާފައިވާ އަދި 1448 ވަނަ އަހަރު ޙައްޖުވެވޭނެކަމަށް އަންދާޒާކޮށްފައިވާ އާއިލީ މީހުންގެ ތެރެއިން ޙައްޖު ކިއުގައި ތިބި ޢާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމަށް ފުރުޞަތު ނުގެއްލޭނެހެން އިސްކަންދޭނެކަންވެސް ސަރުކާރުން ފާހަގަކުރިއެވެ.

މި އުސޫލުތަކުގެ ދަށުން ފުރުޞަތު ދެވޭ ހުރިހާ ފަރާތްތަކަކީވެސް، މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ޙައްޖު އަދާކުރުމަށް ދާ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މިއާއެކު، ކިޔޫގައި ތިބި 65 އަހަރުން ދަށުގެ ބައެއް ބޭފުޅުންނަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް މެދުވެރިވި ނަމަވެސް، މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރު ކުރަމުން އަންނަ ދޮށީ ޢުމުރުގެ އެތައް ރައްޔިތުންނަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއް ކަމަށް ކަމާބެހޭ ފަރާތަތްތަކުން ބުނެފައިވެއެވެ.

އަދި މިއީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ބޭނުން އެންމެ އިންޞާފުވެރި އަދި އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްގެ އިތުރުން، ޙައްޖު ކިއުގެ އިންތިޒާމުތައް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި ހުރިހާ ޢުމުރުފުރާތަކަށްވެސް ފުރުޞަތުތައް އަވަހަށް ތަނަވަސްވުމަށް މަގުފަހުވާނެ އަދި، މިކަމުގެ ފައިދާ ޢާންމު ގޮތެއްގައި ކިޔޫގައި ތިބި ހުރިހާ ބޭފުޅުންނަށްވެސް ލިބޭނެ ކަމެއް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު